އިތުރު 36 މީހަކު ޕޮޒިޓިވްވެ، ރާއްޖޭގައި ކޮވިޑް 19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 177 އަށް އަރައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ކުރި ޓުވީޓެއްގައި ބުނީ ޕޮޒިޓިވްވި 36 މީހުންގެ ތެރޭގައި ހިމެނެނީ ބަންގުލަދޭޝްގެ 29 މީހަކާއި ހަ ދިވެއްސަކާއި އިންޑިއާގެ މީހެއް ކަމަށެވެ.
އެ 36 މީހުންގެ ތެރެއިން 30 މީހުންނަކީ ތިން ގެއެއްގައި ދިރިއުޅެމުންދިޔަ މީހުން ކަމަށާއި ޕޮޒިޓިވްވި އެންމެން ވެސް އައިސޮލޭޝަން ފެސިލިޓީއަކަށް ގެންދިއުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.
މިއީ އެއް ފަހަރާ އެހާ ގިނަ އަދަދެއްގެ ބަޔަކު ޕޮޒިޓިވްވިކަން އެޗްޕީއޭ އިން އިއުލާނުކުރި ފުރަތަމަ ފަހަރެވެ. އަދި އެ ކޭސްތަކާއެކު މިހާތަނަށް ރާއްޖޭގައި އެއް ދުވަހެއްގައި އެންމެ ގިނަ އަދަދަކަށް ޕޮޒިޓިވް ކޭސްތައް ފެނުނު ދުވަހަށް ވެސް މިވަނީ ވެފައެވެ. މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން މިވަނީ ޕޮޒިޓިވްވި މީހުންގެ އަދަދު މިވަނީ 45 އަށް އަރައިފައެވެ.
މިހާތަނަށް ރާއްޖެއިން 177 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ އިރު، އޭގެ ތެރެއިން 17 މީހަކު ވަނީ ރަނގަޅުވެފައެވެ. މިހާތަނަށް ޕޮޒިޓިވް ގިނަ ކޭސްތަކެއް ފެނިފައިވަނީ މާލެއިންނެވެ.
ކޮވިޑަށް ރައްކާތެރިވުމަށް ސަރުކާރުން ވަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅައިފައެވެ. އެގޮތުން މުޅި ރާއްޖެ ލޮކްޑައުންކޮށް، އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުން ވަނީ މަނާކޮށްފައެވެ. މާލެ ސިޓީގައި މީހުން ބޭރަށް ނުކުމެ އުޅުން ވެސް ވަނީ މަނާކޮށްފައިވާ އިރު، ބައެއް ރަށްރަށުގެ ކައުންސިލުތަކުން ވެސް އަންނަނީ އެ ރަށްރަށުގައި މީހުން ބޭރަށް ނުކުމެ އުޅުން މަނާކުރަމުންނެވެ.