ކޮވިޑް 19

ކޮވިޑު ޖެހުނު މާބަނޑުމީހާގެ 8 އަހަރުގެ ދަރިފުޅަށްފަހު 12 އަހަރުގެ ދަރިފުޅުވެސް ކޮވިޑަށް ޕޮޒިޓިވްވެއްޖެ

މި މަހުގެ 18 ވަނަ ދުވަހު ކޮވިޑަށް ޕޮޒިޓިވް ވި މާބަނޑު މީހާގެ 12 އަހަރުގެ ދަރިފުޅު ވެސް ބައްޔަށް ޕޮޒިޓިވް ވެއްޖެ އެވެ.

"ވަން އޮންލައިން"އަށް އެނގިފައިވާ ގޮތުގައި މި ކުއްޖާ ބައްޔަށް ޕޮޒިޓިވް ވިކަން އަންގާފައި ވަނީ އިއްޔެ އެވެ.

މި އާއިލާއިން އެންމެ ފުރަތަމަ ކޮވިޑަށް ޕޮޒިޓިވް ވީ މާބަނޑު މީހާގެ ފިރިމީހާ އެވެ. އޭނާ ބައްޔަށް ޕޮޒިޓިވް ވިކަން އަންގާފައި ވަނީ މި މަހުގެ 17 ވަނަ ދުވަހު އެވެ. އޭނާ ޕޮޒިޓިވްވުމާ ގުޅިގެން އޭނާގެ އަންހެނުންނާއި 8 އަހަރު އަދި 12 އަހަރުގެ ދަރިފުޅު ބަދަލުކުރީ ކަރަންޓީނު ފެސިލިޓީ އަށެވެ.

މި މަހުގެ 18 ވަނަ ދުވަހު މާބަނޑުމީހާ ބައްޔަށް ޕޮޒިޓިވް ވީ އިރު، ހަމަ އެދުވަހު 8 އަހަރުގެ ކުއްޖާވެސް ވަނީ ބައްޔަށް ޕޮޒޮޓިވް ވިއެވެ. އެހެންކަމުން ފިރިމީހާ ކައިރިޔަށް ފަރުކޮޅުފުށްޓަށް 8 އަހަރުގެ ދަރިފުޅާ އެކު މާބަނޑުމީހާވެސް ބަދަލުކުރިއެވެ. 12 އަހަރުގެ ކުއްޖާގެ ޓެސްޓު ނެގެޓިވް ވެފައިވާތީ އެކުއްޖާ ބަހައްޓަން ނިންމީ ކަރަންޓީނު ފެސިލިޓީގައި ތިބި އާއިލާގެ މެންބަރުން ކައިރީގަ އެވެ.

އެހެން ނަމަވެސް ވަން އަށް އެނގިފައިވާ ގޮތުގައި، ފަރުކޮޅުފުއްޓަށް ބަދަލުކުރި ޕޮޒިޓިވް ދެމަފިރީންނާއި 8 އަހަރުގެ ދަރިފުޅު ފަހުން ވަނީ ހުޅުލޭ އައިލެންޑް ހޮޓަލުގެ ފެމިލީ ރޫމަކަށް ބަދަލުކޮށްފަ އެވެ. އަދި ބަލި ނުޖެހި ހުރި 12 އަހަރުގެ ދަރިފުޅުވެސް މައިންބަފައިންގެ އެދުމުގެ މަތީން ފަހުން ހުރީ އެމީހުން ކައިރިއަށް ފެމިލީ ރޫމަށް ގެންގޮސްފަ އެވެ. އެ ކުއްޖާ ދިރިއުޅެމުން އައީ ފެމިލީ ރޫމުގެ ބޭރުގައި ހުންނަ ލިވިން ރޫމުގައި ކަމަށް މައުލޫމާތު ލިބެ އެވެ. ކޮވިޑު ޖެހިފައިވާ މަންމައާއި ބައްޕަ އަދި 8 އަހަރުގެ ކޮއްކޮ އުޅެނީ ލިވިން ރޫމާއި ޖެހިގެން ހުންނަ ކޮޓަރީގަ އެވެ.

މަންމައާއި ބައްޕައަށް ކޮވިޑު ޖެހިފައިވާ އެހެން ހާލަތެއްވެސް ރާއްޖޭގައި ވަނީ ފެންމަތިވެފަ އެވެ. އެ ކޭސްގައި، ބައްޕަ ޕޮޒިޓިވް ވީ މި މަހުގެ 18 ވަނަ ދުވަހު އެވެ. އެއާއި އެކު މަންމަ އާއި ދެ ދަރީން ބަދަލުކުރީ އެރިޔަދޫ ކަރަންޓީނު ފެސިލިޓީއަށެވެ. ޖެހިގެން އައި ދުވަހު އެ ދެކުދީންގެ މަންމަ ވެސް ބައްޔަށް ޕޮޒިޓިވް ވިއެވެ. ހާލަތު މިހެން ދިމާވުމާއި ގުޅިގެން އެ ދެކުދީން އެކަނި ވަކީން ކޮޓަރިއެއްގައި ހަތަރު ދުވަސް ވަންދެން ވަނީ ތިބެން ޖެހިފަ އެވެ. އިއްޔެ ނޫން ކުރީ ދުވަހު އެކުދީންގެ މާމަ ވަނީ އެރަށަށް ގޮސް އެ ކުދީންނާ އެއް ކޮޓަރީގައި އުޅެން ފަށައިފަ އެވެ. މާމައަށް ވަނީ 60 އަހަރު ފުރެން ކައިރިވެފަ އެވެ.