ކުއްލި ޚަބަރު

އާންމު ދިރިއުޅުމަކަށް ދިއުމުގެ ފެށުމަކަށް ވާނީ ހޯމް ކަރަންޓީން ކުރަން ފެށުން: ޑރ. އަފްޒަލް

އާންމު ދިރިއުޅުމަކަށް ދިއުމުގެ ފެށުމަކަށް ވާނީ ހޯމް ކަރަންޓީން ކުރަން ފެށުން ކަމަށް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.

ކޮވިޑް 19އާ ގުޅިގެން ލޮކްޑައުންގައި އޮވެގެން މިކަމުން ގައުމު އަރައެއް ނުގަންނާނެ ކަމަށާއި ހަގީގީ މަންޒަރެއް ވެސް ނުފެންނާނެ ކަމަށް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ޕްރެސް ކޮންފަރެންސްގައި ޑޮކްޓަރު ވިދާޅުވީ، ލޮކްޑައުންގެ ހާލަތަށް ގައުމެއް ގެންދަނީ އެއީ ނަގާ ވަގުތީ ފިޔަވަޅެއް ކަމަށެވެ. އަދި ލޮކްޑައުންއެއްގައި ގައުމެއް އޮވެގެން އެ ގައުމެއް ކުރިއެއް ނާރާނެ ކަމަށާއި އެހެންކަމުން ލޮކްޑައުންގެ ހާލަތުން ގައުމު ނަގާއިރު ކަރަންޓީން ފެސިލިޓީއަށް މީހުން ގެންދިއުމުގެ ވައްޓަފާޅި ބަދަލުކުރަން ޖެހޭނެ ކަމަށް ވިދާޅުވިއެވެ.

އެގޮތުން ވަކިވަކި ފަރުދުން އެމީހެއްގެ ގޭގައި ނުވަތަ ދިރިއުޅޭ އެޕާޓްމަންޓުގައި ކަރަންޓީނުކޮށް، އޭނާގެ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ފާހަގަވާ މީހުން ވެސް ގޭގައި ކަރަންޓީނުގައި ތިބޭ ގޮތަށް ހެދުމަށް ވިސްނަންޖެހޭ ކަމަށާއި އެއީ ގައުމެއް އާންމު ހާލަތަކަށް ދިއުމަށް އެ ގައުމެއްގައި ހުރި ވަސީލަތްތައް ފުރިހަމައަށް ބޭނުންކުރެވޭނެ ގޮތް ކަމަށް ވެސް ޑރ. އަފްޒަލް ވިދާޅުވިއެވެ.

"ލޯންގް ރަންގަ ފެސިލިޓީއެއްގަ ބެހެއްޓުމަށްވުރެ ވީހޭވްޓު ގޯއޭ މިބުނަނީ ހޯމް ކަރަންޓީންގެ ސައިޑަށް ދިއުމުގެ ފުރުސަތު ވަރަށް ބޮޑޭ އަނެއްކާ އެއީ އެކަމުގެ ހައްލަކަށްވުން. އާންމު ދިރިއުޅުމަކަށް އަނބުރާ ދިއުމުގެ ފެށުމަކަށްވާނެ،" ޑރ. އަފްޒަލް ވިދާޅުވިއެވެ.

ޑޮކްޓަރު އިތުރަށް ވިދާޅުވީ، ގޭގައި ކަރަންޓީން ކުރުމުގެ ވައްޓަފާޅިއަކަށް ދިޔަކަމުގައިވިޔަސް، ގޭގައި ކަރަންޓީން ކުރާނީ ބަލީގެ އަލާމާތްތައް ނުފެންނަ އަދި ބައްޔަށް ޕޮޒިޓިވްނުވާ މީހުންނެވެ. އަދި އެމީހުން ގޭގައި ކަރަންޓީންވެފައި ހުންނަކަން ކަށަވަރުކުރުމަށް ނިޒާމެއް ރޭވިދާނެ ކަމަށް ވިދާޅުވިއެވެ.