ކޮވިޑް 19އާ ގުޅިގެން ލޮކްޑައުންގައި އޮވެގެން މިކަމުން ގައުމު އަރައެއް ނުގަންނާނެ ކަމަށާއި ހަގީގީ މަންޒަރެއް ވެސް ނުފެންނާނެ ކަމަށް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ޕްރެސް ކޮންފަރެންސްގައި ޑޮކްޓަރު ވިދާޅުވީ، ހުރިހާ ގައުމަކުން ވެސް އެންމެ ފުރަތަމަކޮޅު ބަލި ކޮންޓްރޯލްކުރެވޭތޯ ބަލާނެ ކަމަށެވެ. ނަމަވެސް މުޖުތަމައުގެ ތެރޭގައި ބަލި ފެތުރޭ ލެވެލްއަށް ބަލާފައި، ފެންނަ ކޭސްތަކަށް ފަރުވާ ކުރުމަށް ބަދަލުކުރާނެ ކަމަށާއި އެއީ އެ ގައުމެއްގައި ހުރި ވަސީލަތްތައް އެންމެ ފުރިހަމަ ގޮތުގައި ބޭނުންކުރުމަށް ބޭނުންކުރާ ގޮތެއް ކަމަށެވެ.
ޑރ. އަފްޒަލް ވިދާޅުވި ގޮތުގައި ލޮކްޑައުންއެއްގައި ގައުމެއް އޮވެގެން އެ ގައުމެއް ކުރިއެއް ނާރާނެއެވެ. އަދި ލޮކްޑައުންގެ ހާލަތުން ގައުމު ނަގާއިރު ކަރަންޓީން ފެސިލިޓީއަށް މީހުން ގެންދިއުމުގެ ވައްޓަފާޅި ބަދަލުކުރަން ޖެހޭނެ ކަމަށް ވެސް ވިދާޅުވިއެވެ.
"ލޮކްޑައުންއެއްގައި އޮވެގެނެއް ކަންޓްރީއެއް މިކަމަކުން ނުއެއް އަރާނެ. ލޮކްޑައުންއަކީ ޓެމްޕަރަރީކޮށް ނަގާ ފިޔަވަޅެއް. ލޮކްޑައުންއަކުން ނަގާއިރު ދެނެއް ނުދެވޭނެ ކަރަންޓީން ފެސިލިޓީތަކަށް ބަޔަކުލާ ސްޓައިލަކަށް. އެހިސާބުން ވިސްނަންޖެހޭނީ ވަކިން އިންޑިވިޖިއުއަލީ ގެތަކުގައި ނުވަތަ އެޕާޓްމަންޓްތަކުގައި ވަކިވަކިން ކޭސްއެއް ފެންނައިރަށް އެތަން ލޮކްޑައުން ކޮށްފަ އޭނާގެ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ފެންނަ ބަޔަކު ވެސް ގޭގަ ހޯމް ކަރަންޓީނުގައި ތިބޭ ގޮތަށް،" ޑރ. އަފްޒަލް ވިދާޅުވިއެވެ.
ޑޮކްޓަރު އިތުރަށް ވިދާޅުވީ، ދިގު މުއްދަތަކަށް ބަލާނަމަ ގައުމެއް އާންމު ހާލަތަކަށް ދިއުމަށް އެ ގައުމެއްގައި ހުރި ވަސީލަތްތައް ފުރިހަމައަށް ބޭނުންކުރަން ޖެހޭނެ ކަމަށެވެ.
އެއީ ކޮވިޑާއެކު ދިރިއުޅުމުގެ ވައްޓަފާޅިއަކަށް ދިއުން ކަމަށާއި އެގޮތުން ގޭގައި ކަރަންޓީން ކުރާނީ ބަލީގެ އަލާމާތްތައް ނުފެންނަ އަދި ބައްޔަށް ޕޮޒިޓިވް ނުވާ މީހުން ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ. އަދި ވިދާޅުވީ، ގޭގައި އެމީހަކު ހުރޭތޯ ޔަގީންކުރުމަށް ވަކި ނިޒާމެއް ރޭވިދާނެ ކަމަށެވެ.
"ލޯންގް ރަންގަ ފެސިލިޓީއެއްގަ ބެހެއްޓުމަށްވުރެ ވީހޭވްޓު ގޯއޭ މިބުނަނީ ހޯމް ކަރަންޓީންގެ ސައިޑަށް ދިއުމުގެ ފުރުސަތު ވަރަށް ބޮޑޭ އަނެއްކާ އެއީ އެކަމުގެ ހައްލަކަށްވުން. އާންމު ދިރިއުޅުމަކަށް އަނބުރާ ދިއުމުގެ ފެށުމަކަށްވާނެ،" ޑރ. އަފްޒަލް ވިދާޅުވިއެވެ.