ކޮވިޑް 19 ފެތުރުމުގެ ޕީކަށް ދިއުމުގެ ކަންކަން ފެށޭނީ ވެސް ލޮކްޑައުން އުވާލީމަ ކަމަށް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ވިދާޅުވީ މި ލޮކްޑައުންގެ ތެރޭގައި ޕީކަކަށް ދިއުމުގެ ފުރުސަތު ވަރަށް ކުޑަވާނެ ކަމަށެވެ.
"ހަގީގަތުގައި ޕީކަކަށް މި ދެވެނީ ގައުމެއް ލޮކްޑައުން ސްޓޭޓުން ނެގުމަށްފަހު ދެން ޓްރޫ ޕީކަކަށް އަންނާނީ. މިސާލަކަށް އެ ވެދާނެ ރިޑިއުސްޑް ޕީކަކަށް ވެސް. ކާވް ފްލެޓަންކުރުން. އެހެންވީމާ ކާވް ފްލެޓަންވެގެން ހިނގައިދާނެ އެޅިފައިވާ ފިޔަވަޅުތަކަށް ބަލާފައި. އެހެންނަމަވެސް އެ ޕީކް ޓްރޫ ޕީކަކަށް ދިއުމުގެ ފުރުސަތު ކުޑަވާނެ ލޮކްޑައުންގެ ހާލަތުގައި އޮންނައިރު. އެހެންވީމާ ލޮކްޑައުނުން ދިޔައީމަ ހަގީގަތުގައި ޕީކަކަށް ދިއުމުގެ ރާސްތާ ފެށޭނީވެސް،" އޭނާ ވިދާޅުވިއެވެ.
ޑރ. އަފްޒަލް ވިދާޅުވީ ރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކު ކަރަންޓީނު ފެސިލިޓީތަކެއްގައި ބޭތިއްބުމަކީ އުނދަގޫ ކަމަކަށް ވާނެ ކަމަށާއި އެހެންކަމުން ކުރިއަށްއޮތް ތަނުގައި ހޯމް ކަރަންޓީނު ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އަދި އެހެން ގައުމުތަކުގައި އެގައުމެއްގައި ވަކި ވަރަކަށް ވުރެ މީހުން ގިނަވެގެން އެފަދަ ގޮތަކަށް ވިސްނަން ޖެހިފައި އެބަހުރި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މިރެއާ ހަމައަށް ކަރަންޓީނު ފެސިލިޓީތަކުގައި ޖުމްލަ 1371 މީހަކު އެބަތިއްބެވެ. އަދި އައިސޮލޭޝަން ފެސިލިޓީތަކުގައި 140 މީހަކު އެބަތިއްބެވެ.