ކުއްލި ޚަބަރު

އަމާޒު ބޯޓު މާލޭން ފުރީ މިމަހު 15ގައި، ދަތުރުކުރި އެންމެން ރިޕޯޓުކޮށްދެއްވާ!: ޑރ. އަފްޒަލް

އަލީ ޔާމިން

މިމަހުގެ 15 ވަނަ ދުވަހު އަމާޒު ބޯޓުން ދަތުރުކުރި އެންމެން ރިޕޯޓުކުރުމަށް ޑރ. އިބްރާހިމް އަފްޒަލް އެދިވަޑައިގެންފިއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުގައި ޑރ. އަފްޒަލް ވިދާޅުވީ، މިއަދު ބައްޔަށް ޕޮޒިޓިވްވި 12 މީހުންގެ ތެރެއިން ދެ މީހުންނަކީ މިހާތަނަށް ފެނިފައިވާ އެއްވެސް ކްލަސްޓާއަކާ ގުޅުމެއް ނެތް ދެ މީހުން ކަމަށެވެ. އެގޮތުން މިއަދު ޕޮޒިޓިވްވި ކޭސް 133 އަކީ މިމަހުގެ 15 ވަނަ ދުވަހުގެ 3:00ގައި މާލެއިން ފުރި އަމާޒު ބޯޓުގެ ކެޕްޓަން ކަމަށާއި އޭނާއަކީ 49 އަހަރުގެ ދިވެއްސެއް ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.

ޑރ. އަފްޒަލް ވިދާޅުވީ، އަމާޒު ބޯޓު މާލެއިން ފުރާފައިވަނީ 98 މީހުންނާއެކުގައި ކަމަށާއި އެ ބޯޓުން ދަތުރުކުރި މީހުން ވަނީ ތިން އަތޮޅަކަށް ގޮސްފައި ކަމަށެވެ. އެގޮތުން ނ، ށ އަދި ހއ.ގެ ބައެއް ރަށްރަށަށް ވެސް އެ ބޯޓުން ދަތުރުކުރި މީހުން ގޮސްފައިވާ ކަމަށް ވިދާޅުވިއެވެ. އަދި މިހާތަނަށް ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން 51 މީހަކު ފާހަގަކުރެވިފައިވާ ކަމަށާއި އޭގެ ތެރެއިން ފަސް މީހެއްގެ ކިބައިން އަލާމާތްތައް ފެނިފައިވާކަމަށް ވެސް ޑރ. އަފްޒަލް ވިދާޅުވިއެވެ.

"މި ބޯޓުން ދަތުރުކޮށްފައިވާ ތަންތަނުގެ ލިސްޓަކީ، މިހާތަނަށް އަޅުގަނޑުމެންނަށް ލިބުނު މައުލޫމާތުން ނ. އަތޮޅުން، މާފަރު، ހެނބަދޫ، މިލަނދޫ، ވެލިދޫ، ކެނދިކުޅުދޫ އަދި ހޮޅުދޫ. ށ އަތޮޅަށްވެސް މި ބޯޓު ދަތުރުކޮށްފައިވޭ. ށ. އަތޮޅުން މި ބޯޓުގައި ދަތުރު ކުރި މީހުން އެބަވޭ، ނަރުދޫ، ފުނަދޫ، ފީވަށް، މިލަންދޫ، މާއުނގޫދޫ އަދި ހއ. ދިއްދޫ އާއި އުތީމުގައިވެސް ބޯޓުން ދަތުރު ކުރި މީހުން އެބެވޭ،" ޑރ. އަފްޒަލް ވިދާޅުވިއެވެ.

މި 13 ރަށް މިހާރު ވަނީ އަރައި ފޭބުން މަނާކޮށް، މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ.

އަމާޒު ބޯޓުގެ ކޭސްއަކީ ބޮޑު ނުރައްކަލެއްކަން ފާހަގަކުރައްވައި ޑރ. އަފްޒަލް ވިދާޅުވީ، އެ ބޯޓުން މިމަހުގެ 15 ވަނަ ދުވަހު ދަތުރުކުރި މީހުންގެ ތެރެއިން މިހާރު ފާހަގަނުވެ ތިިބި މީހުންވެސް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ހޮޓްލައިނަށް ގުޅައިގެން ކޮންޓެކްޓް ޓްރޭސިންގެ ތެރެއަށް އައިސް މައުލޫމާތު ފޯރުކޮށްދިނުމަކީ ވަރަށް ބޮޑު އެދުމެއް ކަމަށެވެ.

"އަޅުގަނޑުމެންގެ މިހާރުވެސް އެދުމެއް އެއީ 15 އޭޕްރީލްގައި ތިނެއް ޖެހި އިރު އަމާޒު ބޯޓުގައި ފުރި މީހުންގެ ތެރެއިން އަޅުގަނޑުމެންގެ ކޮންޓެކްޓް ޓްރޭސިންއަށް މިހާތަނަށް ނުފެނިފައިވާ މީހުންވެސް ތިބޭނެ. އެހެންވީމާ އަޅުގަނޑުމެންގެ އެދުމެއް އެއީ އަޅުގަނޑުމެންގެ ހޮޓްލައިނަށް ގުޅައިގެން އަޅުގަނޑުމެންގެ ކޮންޓެކްޓް ޓްރޭސިންގެ ތެރެއަށް އައިސް އެ މައުލޫމާތު ދިނުން،" ޑރ. އަފްޒަލް ވިދާޅުވިއެވެ.

ޑރ. އަފްޒަލް ވިދާޅުވީ، އެ ބޯޓުން ދަތުރުކުރި މީހުންގެ ތެރެއިން އިތުރު ކްލަސްޓާތަކެއް ފެނުމުގެ ބިރު މިހާރު އެބައޮތް ކަމަށެވެ. އަމާޒު ބޯޓުގެ ކެޕްޓަން ބައްޔަށް ޕޮޒިޓިވްވިކަން އެނގުނީ ށ. ނަރުދޫގައި ހުއްޓައެވެ.

ރާއްޖެއިން މިހާތަނަށް ބައްޔަށް ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދަކީ، 141 އެވެ. އޭގެ ތެރެއިން އެންމެ ގިނަ މީހުން ބައްޔަށް ޕޮޒިޓިވްވެފައިވަނީ މާލެއިންނެވެ.