ކުއްލި ޚަބަރު

ކޮންމެވެސް ހިސާބަކުން ލޮކްޑައުނުން ނަގަން ޖެހޭނެ، އަބަދު ލޮކްޑައުންގައި ނުތިބެވޭނެ: ޑރ. އަފްޒަލް

4

ކޮންމެވެސް ހިސާބަކުން ލޮކްޑައުނުން ނަގަން ޖެހޭނެ ކަމަށާއި އަބަދު ލޮކްޑައުންގައި ނުތިބެވޭނެ ކަމަށް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ވިދާޅުވީ ކުރިއަށްއޮތީ ކޮވިޑާ އެކުގައި ދިރިއުޅުން ކަމަށާއި ދިރިއުޅުމުގެ ވައްޓަފާޅިއަށް ބައިވަރު ބަދަލުތަކެއް ގެންނަން ޖެހޭނެ ކަމަށެވެ.

"އަޅުގަނޑުމެން މިވަނީ މި ބައްޔާއެކު ދަތުރުކޮށްފައި. އެހެންވީމާ ކުރިއަށްއޮތް ތަނުގައި ކޮންމެވެސް އިރެއްގައި އަޅުގަނޑުމެން ޖެހޭނެ މި ލޮކްޑައުނުން ނަގަން ވެސް. އަބަދަކު ލޮކްޑައުންއަކު ވެސް ނުތިބެވޭނެ. އެހެންވީމާ އެހާ ތަނަށް މިހާރުއްސުރެ މެންޓަލީ އެބަޖެހޭ ތައްޔާރުވާން. އެއީ ކުރިއަށްއޮތީ ކޮވިޑާ އެކުގައި ދިރިއުޅުން. އެއީ ހަގީގަތުގައި ވެސް ކޮވިޑާއެކު ދިރިއުޅެން ޖެހޭ މީހުންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ބައިވަރު ބަދަލުތަކެއް ގެންނަންޖެހޭނެ،" އޭނާ ވިދާޅުވިއެވެ.

ޑރ. އަފްޒަލް ވިދާޅުވީ މީހުންނާ ބައްދަލުކުރުން ވީހާވެސް މަދުކުރަން ޖެހޭ ކަމަށާއި ކޮންމެހެން ބައްދަލުކުރަން ޖެހޭ ބަޔަކާ ނޫނީ ބައްދަލުކުރުމަކީ އެންމެ ރައްކާތެރި ގޮތް ކަމަށެވެ. އަދި އަލާމާތެއް ފެނިދާނެ ކަމަށްޓަކައި، އެކަމަށް ހުޝިޔާރުވެ ތިބެންޖެހޭ ކަމަށާއި ކުރިއަށްއޮތް ތަނުގައި ހޯމް ކަރަންޓީނުކުރުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"މީގެ އިތުރުން އަލާމާތެއް ފެނިދާނެ ކަމަށްޓަކައި، އަލާމާތެއް ފެނިއްޖެއްޔާ އެކަމަށް ހުޝިޔާރުވެ ހުންނަން ޖެހޭނީ. އަޅުގަނޑުމެންނަށް ވީހާވެސް އަވަހަކަށް އަންގަން ޖެހޭނެ. މީގެ އިތުރުން ހޯމް ކަރަންޓީނަކީ ވެސް ކުރިއަށްއޮތްތަނުގައި އަޅުގަނޑުމެން ވިސްނަން ޖެހިދާނެ ދިމާލެއް. އެއީ ރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކު ކަރަންޓީނު ފެސިލިޓީތަކެއްގައި އެކޮމޮޑޭޓެއް ނުވެސް ކުރެވޭނެ. އަދި އެހެން ގައުމުތަކުގައި އެގައުމެއްގައި ވަކި ވަރަކަށް ވުރެ މީހުން ގިނަވެގެން އެފަދަ ގޮތަކަށް ވިސްނަން ޖެހިފައި އެބަހުރި،" އޭނާ ވިދާޅުވިއެވެ.

ޑރ. އަފްޒަލް އިތުރަށް ވިދާޅުވީ ގެޔަކުން މީހަކު ޕޮޒިޓިވްވުމުން އެމީހަކާ ދޭތެރޭ ދެކޭ ދެކުން ބަދަލުކުރަން ޖެހޭ ކަމަށާއި އެ ބައްޔާ ވިދިގެން ތިމާ އެހެން މީހަކާ މެދުގައި ނިކަމެތިކޮށް ހިތުން ނުވަތަ އެއީ ތަފާތު ބައެއް ކަމަށް ބަލައި އެކަހެރިކުރުމުގެ ވިސްނުން ގެންގުޅެގެން ނުވާނެ ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟