ކުއްލި ޚަބަރު

އަމާޒު ބޯޓުން ދަތުރުކުރި މީހުންގެ ތެރޭން އަލާމާތް ހުރި ފަސް މީހަކު ފެނިއްޖެ

އަލީ ޔާމިން

1

އަމާޒު ބޯޓުން ދަތުރުކުރި މީހުންގެ ތެރޭން އަލާމާތް ހުރި ފަސް މީހަކު ފެނިއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުގައި ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ، މިއަދު ބައްޔަށް ޕޮޒިޓިވްވި 12 މީހުންގެ ތެރެއިން ކޭސް 133 އަކީ މިމަހުގެ 15 ވަނަ ދުވަހުގެ 3:00ގައި މާލެއިން ފުރި އަމާޒު ބޯޓުގެ ކެޕްޓަން ކަމަށާއި އޭނާއަކީ 49 އަހަރުގެ ދިވެއްސެއް ކަމަށެވެ.

ޑރ. އަފްޒަލް ވިދާޅުވީ، އަމާޒު ބޯޓު މާލެއިން ފުރާފައިވަނީ 98 މީހުންނާއެކުގައި ކަމަށާއި އެ ބޯޓުން ދަތުރުކުރި މީހުން ނ، ށ އަދި ހއ.ގެ ބައެއް ރަށްރަށަށް ގޮސްފައިވާ ކަމަށެވެ.

"މި ބޯޓުން ދަތުރުކޮށްފައިވާ ތަންތަނުގެ ލިސްޓަކީ، މިހާތަނަށް އަޅުގަނޑުމެންނަށް ލިބުނު މައުލޫމާތުން ނ. އަތޮޅުން، މާފަރު، ހެނބަދޫ، މިލަނދޫ، ވެލިދޫ، ކެނދިކުޅުދޫ އަދި ހޮޅުދޫ. ށ އަތޮޅަށްވެސް މި ބޯޓު ދަތުރުކޮށްފައިވޭ. ށ. އަތޮޅުން މި ބޯޓުގައި ދަތުރު ކުރި މީހުން އެބަވޭ، ނަރުދޫ، ފުނަދޫ، ފީވަށް، މިލަންދޫ، މާއުނގޫދޫ އަދި ހއ. ދިއްދޫ އާއި އުތީމުގައިވެސް ބޯޓުން ދަތުރު ކުރި މީހުން އެބެވޭ،" ޑރ. އަފްޒަލް ވިދާޅުވިއެވެ.

މި 13 ރަށް މިހާރު ވަނީ އަރާފޭބުން މަނާކޮށް، މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ.

މީގެ އިތުރުން މިހާތަނަށް ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން 51 މީހަކު ފާހަގަކުރެވިފައިވާ ކަމަށާއި އޭގެ ތެރެއިން ފަސް މީހެއްގެ ކިބައިން އަލާމާތްތައް ފެނިފައިވާ ކަމަށްވެސް ޑރ. އަފްޒަލް ވިދާޅުވިއެވެ.

"މި ބޯޓުގައި މިހާތަނަށް ކޮންޓެކްޓް ޓްރޭސް ކުރެވުނު މީހުންގެ ތެރެއިން ފަސް މީހެއްގެ ފަރާތުން ސިމްޕްޓަމްސް ފެނިފައިވޭ. އަދި އެއާގުޅިގެން ކުރަން ޖެހޭ ކަންތައްތައްވެސް ކުރިއަށް އެބަދޭ" ޑރ. އަފްޒަލް ވިދާޅުވިއެވެ

އަމާޒު ބޯޓުގެ ކޭސްއަކީ ބޮޑު ނުރައްކަލެއްކަން ފާހަގަކުރައްވައި ޑރ. އަފްޒަލް ވިދާޅުވީ، އެ ބޯޓުން ދަތުރުކުރި މީހުންގެ ތެރެއިން އިތުރު ކްލަސްޓާތަކެއް ފެނުމުގެ ބިރު އެބައޮތް ކަމަށެވެ. އެހެންކަމުން އެ ބޯޓުން މިމަހުގެ 15 ވަނަ ދުވަހު ދަތުރުކުރި މީހުންގެ ތެރެއިން މިހާރު ފާހަގަނުވެ ތިިބި މީހުންވެސް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ހޮޓްލައިނަށް ގުޅައިގެން ކޮންޓެކްޓް ޓްރޭސިންގެ ތެރެއަށް އައިސް މައުލޫމާތު ފޯރުކޮށްދިނުމަކީ ވަރަށް ބޮޑު އެދުމެއް ކަމަށް ވިދާޅުވިއެވެ.

އަމާޒު ބޯޓުގެ ކެޕްޓަން ބައްޔަށް ޕޮޒިޓިވްވިކަން އެނގުނީ ށ. ނަރުދޫގައި ހުއްޓައެވެ.

ރާއްޖެއިން މިހާތަނަށް ބައްޔަށް ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދަކީ، 141 އެވެ. އޭގެ ތެރެއިން އެންމެ ގިނަ މީހުން ބައްޔަށް ޕޮޒިޓިވްވެފައިވަނީ މާލެއިންނެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟