ކުއްލި ޚަބަރު

އަމާޒު ބޯޓުން ދަތުރުކުރި މީހުންގެ ތެރެއިން އިތުރު ކްލަސްޓާތަކެއް ފެނިދާނެ ކަމުގެ ބިރު އެބައޮތް: ޑރ. އަފްޒަލް

އަލީ ޔާމިން

އަމާޒު ބޯޓުން ދަތުރުކުރި މީހުންގެ ތެރެއިން އިތުރު ކްލަސްޓާތަކެއް ފެނިދާނެ ކަމުގެ ބިރު އެބައޮތް ކަމަށް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުގައި ޑރ. އަފްޒަލް ވިދާޅުވީ، މިއަދު ބައްޔަށް ޕޮޒިޓިވްވި 12 މީހުންގެ ތެރެއިން ކޭސް 133 އަކީ މިމަހުގެ 15 ވަނަ ދުވަހުގެ 3:00ގައި މާލެއިން ފުރި އަމާޒު ބޯޓުގެ 49 އަހަރުގެ ދިވެހި ކެޕްޓަން ކަމަށެވެ.

ޑރ. އަފްޒަލް އަމާޒު ބޯޓު މާލެއިން ފުރާފައިވަނީ 98 މީހުންނާއެކުގައި ކަމަށާއި، އެ ބޯޓުން ދަތުރުކުރި މީހުން ވަނީ ތިން އަތޮޅަކަށް ގޮސްފައި ކަމަށެވެ. މިހާތަނަށް ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން 51 މީހަކު ފާހަގަކުރެވިފައިވާ ކަމަށާއި އޭގެ ތެރެއިން ފަސް މީހެއްގެ ކިބައިން އަލާމާތްތައް ފެނިފައިވާ ކަމަށްވެސް ޑރ. އަފްޒަލް ވިދާޅުވިއެވެ.

"މި ބޯޓުން ދަތުރުކޮށްފައިވާ ތަންތަނުގެ ލިސްޓަކީ، މިހާތަނަށް އަޅުގަނޑުމެންނަށް ލިބުނު މައުލޫމާތުން ނ. އަތޮޅުން، މާފަރު، ހެނބަދޫ، މިލަނދޫ، ވެލިދޫ، ކެނދިކުޅުދޫ އަދި ހޮޅުދޫ. ށ އަތޮޅަށްވެސް މި ބޯޓު ދަތުރުކޮށްފައިވޭ. ށ. އަތޮޅުން މި ބޯޓުގައި ދަތުރު ކުރި މީހުން އެބަވޭ، ނަރުދޫ، ފުނަދޫ، ފީވަށް، މިލަންދޫ، މާއުނގޫދޫ އަދި ހއ. ދިއްދޫ އާއި އުތީމުގައިވެސް ބޯޓުން ދަތުރު ކުރި މީހުން އެބެވޭ،" ޑރ. އަފްޒަލް ވިދާޅުވިއެވެ.

މި 13 ރަށް މިހާރު ވަނީ އަރާފޭބުން މަނާކޮށް، މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ.

އަމާޒު ބޯޓުގެ ކޭސްއަކީ ބޮޑު ނުރައްކަލެއްކަން ފާހަގަކުރައްވައި ޑރ. އަފްޒަލް ވިދާޅުވީ، އެ ބޯޓުން ދަތުރުކުރި މީހުންގެ ތެރެއިން އިތުރު ކްލަސްޓާތަކެއް ފެނުމުގެ ބިރު އެބައޮތް ކަމަށެވެ.

"އަމާޒު ބޯޓާ ގުޅިގެން އަޅުގަނޑުމެން ވަރަށް ބޮޑަށް އިތުރު ކްލަސްޓާތަކެއް ފެނިދާނެ ކަމުގެ ބިރު އޮވެގެން އެކަމުގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްތައް ވަރަށް ގަދައަށް މިހާރުވެސް ކުރިއަށް އެބަދޭ" ޑރ. އަފްޒަލް ވިދާޅުވިއެވެ.

ޑރ. އަފްޒަލް ވަނީ އަމާޒު ބޯޓުން ދަތުރުކުރި މީހުންގެ ތެރެއިން މިހާރު ކޮންޓެކްޓް ޓްރޭސިންގެ ތެރެއަށް ފާހަގަ ނުކުރެވިވާ ފަރާތްތަކުން ހެލްތު ޕްރޮޓެކްޝަން އެޖެންސީއަށް ގުޅައި މައުލޫމާތު ހިއްސާކުރެއްވުމަށް އެދިފައެވެ. އަމާޒު ބޯޓުގެ ކެޕްޓަނަށް ބަލި ޖެހުނުކަން އެނގިފައިވަނީ ށ. ނަރުދޫގައި ހުއްޓައެވެ.

ރާއްޖެއިން މިހާތަނަށް ބައްޔަށް ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދަކީ، 141 އެވެ. އޭގެ ތެރެއިން އެންމެ ގިނަ މީހުން ބައްޔަށް ޕޮޒިޓިވްވެފައިވަނީ މާލެއިންނެވެ.