ކުއްލި ޚަބަރު

ވާރޭވެހެން ފެށުމާއެކު މަދިރީގެ މައްސަލަ ފަރުކޮޅުފުށީގައި ވަނީ ބޮޑުވެފައި، އެކަން ހައްލުކުރަން އަންނަނީ މަސައްކަތްކުރަމުން

އަލީ ޔާމިން

ވާރޭވެހެން ފެށުމާއެކު މަދިރީގެ މައްސަލަ ފަރުކޮޅުފުށީގައި ވަނީ ބޮޑުވެފައި ކަމަށާއި އެކަން ހައްލުކުރަން އަންނަނީ މަސައްކަތްކުރަމުން ކަމަށް ކޮވިޑް 19އާ ގުޅޭ މައުލޫމާތުދިނުމަށް ސަރުކާރުން ކަނޑައެޅި ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ، ފަރުކޮޅުފުށްޓަކީ ކުރިންވެސް މަދިރީގެ މައްސަލަ ބޮޑު ރަށެއް ކަމަށެވެ. އަދި މިހާރު ރާއްޖެއަށް ކުރަމުންމިދާ ވިއްސާރައާއެކު މަދިރީގެ މައްސަލަ އެރަށުގައި ބޮޑުވެފައިވާ ކަމަށާއި އެހެންވެ އެރަށުގައި މަދިރި ކޮންޓްރޯލް ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް މަބްރޫކް ވިދާޅުވިއެވެ. އެގޮތުން ދުވާލަކު ދެއިރު މުޅި ރަށް ފުމިގޭޓް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.

"ދުވާލަކު ދެއިރު ފަރުކޮޅުފުށި ފުމިގޭޓް ކުރުމުގެ މަސައްކަތް އަންނަނީ ކުރަމުން. އަދި މިއަދު ވަނީ ޔޫވީ ލައިޓް ޓްރޭޕްސް، މާނައަކީ މަދިރި ހިފާ ބާވަތުގެ އާލާތްތައް ބޭނުންކުރަން ފެށިފައި. އަދި މީގެ އިތުރުން ސްވިމިންގް ޕޫލްގަޔާއި ފެން ހެދޭ ފަދަ ތަންތާނގައި ޗެމިކަލް ބޭނުންކޮށްގެން މަދިރި އާލާވުން ނައްތާލުމަށް ކުރެވެން ހުރި ކަންތައްތައްވެސް އެބޭފުޅުން އަންނަނީ ކުރަމުން،" މަބްރޫކް ވިދާޅުވިއެވެ.

ރާއްޖެއަށް މިހާރު ކުރަމުން އަންނަ ވިއްސާރައިގެ ސަބަބުން ފަރުކޮޅުފުށީގެ ވޯޑަކަށް ފެން ވަދެ ކަރަންޓް ޝޯޓެއްވެ ކަރަންޓް ކެނޑިފައިވާ ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ. ނަމަވެސް ޓެކްނިކަލް ޓީމަކުން މިހާރު ވަނީ އެރަށަށް ގޮސް ކަރަންޓްގެ މައްސަލަ ހައްލުކޮށްފައެވެ.

"ފުރާޅުން ފެން ލީކުވުމުގެ މައްސަލަ އަދި ހައްލު ނުވާ ކަމަށް އެބޭފުޅުން ވިދާޅުވަނީ،" މަބްރޫކް ވިދާޅުވިއެވެ.

މީގެ އިތުރުން މަބްރޫކް ވިދާޅުވީ، އެ ވޯޑަށް ދިމާވި މައްސަލަ ހައްލުވަންދެން އެތާނގައި ތިބި ބަލި މީހުން އެހެން ވޯޑަކަށް ބަދަލުކޮށްފައިވާ ކަމަށާއި، ވޯޑަށް ދިމާވި މައްސަލަ އެއްކޮށް ހައްލު ނުކުރެވެނީސް އަލުން އެ ވޯޑަށް އެއްވެސް ބަލި މީހަކު ނުގެންނާނެ ކަމަށެވެ. އަދި ފަރުކޮޅުފުށީގައި މިހާރު ތިބި ބަލި މީހުންނަށް އިތުރަށް ފަރުވާދޭން ޖެހިއްޖެ ނަމަ ހުޅުލޭ އައިލެންޑް ހޮޓެލަށް ބަދަލުކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.

ފަރުކޮޅުފުށީގައި ހަތަރު ވޯޑު ހުންނައިރު އެތަނުގެ އެނދުގެ އަދަދު މިހާރު ވަނީ 50 އަށް އިތުރުކޮށްފައެވެ. އޭގެ ތެރޭގައި އައިސީޔޫ އެނދުވެސް ހިމެނެއެވެ.