ނ. މާފަރު، ނ. މިލަދޫ، ނ. ކެނދިކުޅުދޫ، ނ. ހެނބަދޫ، ހއ. އުތީމު އަދި ހއ. ދިއްދޫ ވެސް މޮނީޓަރިންގެ ހާލަތަށް ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ކޮވިޑް 19އާ ގުޅޭ މައުލޫމާތުދިނުމަށް ސަރުކާރުން ކަނޑައެޅި ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު ވިދާޅުވެއްޖެއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މަބްރޫކު ވިދާޅުވީ މިއަދު މިހާތަނަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާ ރަށްތަކަކީ ނ. ހޮޅުދޫ، ށ. ފުނަދޫ، ށ. ނަރުދޫ، ށ. މިލަންދޫ، ށ. ފީވަށް އަދި ށ. މާއުނގޫދޫ ކަމަށެވެ.
"މީގެ އިތުރުން މި ރަށްތައް މޮނީޓަރިންގެ ހާލަތަށް ގެންދިއުމުގެ މަސައްކަތް މިހާރު ލީގަލް ޓީމުން ގެންދަނީ ކުރަމުން. އެ ރަށްތަކުގެ ކައުންސިލުތަކަށް އެންގުމުގެ މަސައްކަތް. އަދި ހަވާލުކުރަން ޖެހޭ ލިޔެކިޔުންތައް ހަވާލުކުރުމުގެ މަސައްކަތް. މި ރަށްތަކަކީ ނ. މާފަރު، ނ. މިލަދޫ، ނ. ކެނދިކުޅުދޫ، ނ. ހެނބަދޫ، ހއ. އުތީމު އަދި ހއ. ދިއްދޫ،" އޭނާ ވިދާޅުވިއެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި އަމާޒު ބޯޓުގެ ކައްޕި ހިމެނޭ ކަމަށާއި އެ ބޯޓު އެންމެ ފަހުން މާލެއިން ފުރީ މިމަހުގެ 15 ވަނަ ދުވަހު ކަމަށެވެ. އަދި އެ ބޯޓު ށ.، ނ. އަދި ހއ. އަތޮޅުގެ ރަށްތަކަށް ދަތުރުކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އެ ރަށްތަކުގެ އިތުރުން ބައެއް ރަށްތައް މިހާރު ވެސް އޮތީ މޮނީޓަރިންގެ ހާލަތުގައެވެ. އެއީ މާލެ ސިޓީ، ކ. ގުރައިދޫ، ބ. ފުޅަދޫ، ދ. ކުޑަހުވަދޫ، ކ. ތުލުސްދޫ، ކ. ކުޑަ ވިލިނގިލި، ކ. ތުޅާގިރި އައިލެންޑް ރިސޯޓު އަދި ހއ. އުލިގަމެވެ.