ކުއްލި ޚަބަރު

އިތުރު ހަތަރު މީހަކު ޕޮޒިޓިވްވެ، ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 141 އަށް އަރައިފި

އިތުރު ހަތަރު މީހަކު ޕޮޒިޓިވްވެ، ރާއްޖޭގައި ކޮވިޑް 19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 141 އަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ކުރި ޓުވީޓެއްގައި ބުނީ ރާއްޖެއިން އިތުރު ހަތަރު ކޭސް ފެނިފައިވާ ކަމަށެވެ.

ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ ދިވެއްސަކާއި އިންޑިއާގެ ދެ މީހަކާއި ސްރީލަންކާގެ މީހެއް ކަމަށާއި އެމީހުން ޕޮޒިޓިވްވުމާ ގުޅިގެން ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 141 އަށް އަރާފައިވާ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިވަނީ 13 އަށް އަރައިފައެވެ. އޭގެ ތެރޭގައި ށ. ނަރުދޫގައި ހުއްޓައި ބައްޔަށް ޕޮޒިޓިވްވި މީހަކު ވެސް ހިމެނެއެވެ.

ރާއްޖެއިން 141 މީހަކު ޕޮޒިޓިވްވެފައިވާ އިރު، އޭގެ ތެރެއިން 17 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.