ލޮކްޑައުން ކުރި އިރު މާލޭގައި ތިބި އެންމެން މާލޭގައި ތިބުމަކީ ކޮންމެހެން ކުރަން ޖެހޭނެ ކަމެއް ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީނު ވިދާޅުވެއްޖެއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ، މިހާރުގެ ހާލަތު އޮތްގޮތަށް ބަލާއިރު މާލޭގައި މިހާރު ދިރިއުޅޭ ކޮންމެ މީހަކީ ވެސް ބަލި ޖެހިފައި ހުރުމުގެ ފުރުސަތު ބޮޑު މީހެއް ކަމުން، ވަރަށް ގިނަ ކަންކަމަށް ބެލިގެން މެނުވީ މިވަގުތު މާލެއިން ރަށަށަށް މީހަކު ދިއުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ.
"ކުޑަ ވަގުތުކޮޅަކަށް މާލެ އައިކަމުގައިވިޔަސް މާލޭގައި ހޭދަކުރި ވަގުތުގައި ބައްދަލުވި މީހުންގެ ތެރޭގައި މިބަލީގެ އަލާމާތްތައް ހުރި ނުވަތަ މިބައްޔަށް ޕޮޒިޓިވި މީހަކާ ބައްދަލުނުވާކަން އެއީ ކަށަވަރުކަން އެނގޭކަމެއް ނޫން. އެހެންވީމަ މާލޭގައި މިހާރު ތިބި ހުރިހާ މީހުންނަކީ ވެސް މިއީ ހަމަ ވަރަށް ރިސްކުބޮޑު ބައެއް ކަމަށް ގަބޫލުކުރަންޖެހޭ،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އަމީން އިތުރަށް ވިދާޅުވީ، މިހާލަތުގައި ސަރުކާރުގެ އެންމެ އިސް އަދި އެންމެ ފުރަތަމަ ފިޔަވަޅަކީ ވެސް ބެލި ފެތުރުން ކޮންޓްރޯލް ކުރުން ކަމަށެވެ. އެހެންކަމުން ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ ރަށެއްގައި ވެސް ބަލީގެ މީހުން ތިބެދާނެ ކަމަށް ބަލައިގެން ކަމަށް ވިދާޅުވިއެވެ.