އިތުރު 8 މީހުން ޕޮޒިޓިވް ވެ ރާއްޖޭގައި ކޮވިޑު ޖެހުނު މީހުންގެ އަދަދު 137 އަށް އަރައިފި އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ކުރި ޓުވީޓެއްގައި ބުނީ އިތުރު 8 ދިވެހީން ޕޮޒިޓިވް ވެފައިވާ ކަމަށެވެ. ނަމަވެސް އެމީހުންގެ އިތުރު މައުލޫމާތެއް އެޗްޕީއޭ އިން ހާމަކޮށްފައެއް ނުވެއެވެ.
އިއްޔެ މިބައްޔަށް ރާއްޖެއިން 13 މީހުން ޕޮޒިޓޮވް ވެފައިވާއިރު ހިމެނެނީ 12 ދިވެހިންނާއި އެއް ބިދޭސީންނެވެ. ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 137އަށް އަރާފައިވާ އިރު، އޭގެ ތެރެއިން 17 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. މާލޭގެ އިތުރުން ރާއްޖޭގެ އަތޮޅުތަކުން ވެސް މިހާރު މިބަލި ވަނީ ފެނިފައެވެ.
ކޮވިޑް 19 އާ ގުޅިގެން ކޮންމެ ދުވަހަކު ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގައި މިބަލި ރާއްޖޭގައި ހަލުވިކަމާއި އެކު ފެތުރެމުންދާތީ ބަލި ފެރުތުރުން ކުޑަ ކުރުމަށްޓަކައި، މާލެ ލޮކްޑައުން ކުރި އިރު ތިބި އެންމެން މާލޭގައި ތިބުމަކީ ކޮންމެހެން މުހިއްމު ކަމެއްކަމަށް ހެލްތު މިނިސްޓަރު އަބްދުއްﷲ އަމީން މިއަދު ވަނީ ވިދާޅުވެފައެވެ. އަދި ކޮންމެ މީހަކުވެސް ކަރަންޓީނަށް ދާން ޖެހިދާނެ ކަމަށް ބަލައި ތައްޔާރަށް ތިބުމަށް ވެސް މިނިސްޓަރު ވަނީ އިލްތިމާސްކުރައްވާފައެވެ.
ރާއްޖޭގައި މިބަލި ފެތުރެމުންދާތީ ރާއްޖެ ލޮކްޑައުން ކޮށްފައިވާ އިރު މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް އިއުލާނު ކުރި ލޮކްޑައުންގެ މުއްދަތު އިތުރު ކުރަން ޖެހިދާނެ ކަމުގެ އިޝާރާތެއް ހެލްތު މިނިސްޓަރު މިއަދު ވަނީ ދެއްވާފައެވެ.
މިއަށް މީހުން ޕޮޒިޓިވް ވީ ފަހުންވެސް އިތުރު މީހަކު ޕޮޒިޓިވްވެ ރާއްޖޭގެ އަދަދު މި ވަގުތު ވަނީ 138 އަށް އަރައިފަ އެވެ. އެންމެ ފަހުން ފެނުނު މީހާ ޕޮޒޮޓިވް ވީކަން އެނގުނީ އޭނާ ށ. ނަރުދޫގައި ހުއްޓައެވެ.