ކޮވިޑް 19

މީ ކޮވިޑު ތޫފާނުގެ ފެށުން، އުނދަގޫ ދުވަސްތައް އަދި އޮތީ ކުރިޔަށް: ހެލްތު މިނިސްޓަރު

މީ ކޮވިޑު19ގެ ތޫފާނުގެ ފެށުން ކަމަށާއި އުނދަގޫ ދުވަސްތައް އަދި އޮތީ ކުރިޔަށް ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީނު ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ، ކޮވިޑްގެ ހާލަތު އަދި ނުނިމޭ ކަމަށާއި މިއީ އަދި ފެށުމެއް ކަމަށެވެ.

އެގޮތުން ކުރިއަށް އޮތް ދުވަސްތަކުގައި އުދަނގޫ ހާލަތްތަކެއް ކުރިމަތިވެ، ސިއްހީ ގޮތުން ވެސް މިއަށްވުރެ އުދަނގޫ ވަގުތެއް ބައްދަލުވާނެ ކަމަށާއި އަދި ދިވެހިން ދެކެން ބޭނުންނުވާ ވަގުތުތައް އަރާ ހަމަކުރާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

"އަޅުގަނޑުމެންނާ ކުރިމަތިވެފައި މިއޮތް ތޫފާން އަދިހަމަ ކިރިޔާ އަޅުގަނޑުމެންނާ އަރާ ހަމަވީ. ތޫފާނުގެ ވަގުތުގައި އަމަލުކުރަންޖެހޭ ގޮތްތަކަކީ ރައްކާތެރިވެ، ދީފައި ހުރި އިރުޝާދުތަކާއެކުގައި ތިބުން، ތޫފާނުގައި އިމާރާތްތައް ވެސް ވެއްޓޭނެ. ތޫފާނުގައި ހީނުކުރާހާ އުދަނގޫތައް ކުރިމަތިވާނެ. އެހެންވީމަ ކުރިމަތީގައި އޮތް ދުވަސްތަކަކީ ފަސޭހަ ދުވަސްތަކެއް ކަމުގައި ބަލައިގެން ނުވާނެ،" މިނިސްޓަރު އަމީން ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، ކުރިއަށް އޮތް އުދަނގޫ ދުވަސްތަކުގައި ފަސޭހަ ވެގެންދާނީ މާލެ ސަރަހައްދު ލޮކްޑައުން ކުރި ފަހުން މިވީ 10 ދުވަސްތެރޭގައި ކެތްތެރިކަމުގެ އިންތިހާއަށް ދެވި، އިރުޝާދުތަކަށް އަމަލުކުރުމުގެ އެންމެ މަތީ ދަރަޖަ ފެނިގެން ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރަނީ ލޮކްޑައުންގެ ތެރޭގައި މިތިބޭ ދުވަސްކޮޅުގައި 75 ޕަސެންޓް އަމަލުކުރުމުގައި ހިފެހެއްޓިއްޖެނަމަ އުންމީދު ގެއްލިގެންނެއް ނުދާނެ،" މިނިސްޓަރު އަމީން ވިދާޅުވިއެވެ.