މިހާތަނަށް ރާއްޖޭގައި ކޮވިޑަށް ޕޮޒޮޓިވް ވި ވަރަށް ގިނަ މީހުންނަކީ އެއްވެސް ކަހަލަ ފަރުވާއެއް ދޭން ޖެހުނު ބައެއް ނޫން ކަމަށް ޓެކްނިކަލް އެޑްވައިޒަރީ ގުރޫޕް (ޓެގް)ގެ ޑރ. އަލީ ލަތީފް ވިދާޅުވެއްޖެއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަލީ ލަތީފު ވިދާޅުވީ، ކޮވިޑް ޖެހޭ މީހުންގެ ތެރެއިން 80 ޕަސެންޓް މީހުންނަކީ އެއްވެސް ހޮސްޕިޓަލަކަށް ލާންޖެހޭ ބައެއް ނޫން ކަމަށެވެ.
ނަމަވެސް ޕޮޒިޓިވްވާ މީހުން އެކަހެރިކުރާ އެއް ސަބަބަކީ އެމީހުންގެ ފަރާތުން ވަރަށް އަވަހަށް ބަލި ފެތުރިގެން ހިނގައިދާނެތީ ކަމަށާއި އެގޮތުން އެކަހެރިކުރާ ގިނަ ޕޭޝަންޓުންނަކީ އެއްވެސް ފަރުވާއެއް ދޭންޖެހޭ ބައެއް ނޫން ކަމަށް ޑޮކްޓަރު ވިދާޅުވިއެވެ.
ޑރ. އަލީ ލަތީފު އިތުރަށް ވިދާޅުވީ، ރާއްޖޭގައި މިވަގުތު ޕޮޒިޓިވްވާ މީހުން ގޭގައި ނުބަހައްޓަން ކޮންމެވެސް އެއް ފެސިލިޓީއަކަށް ގެންދިޔަ ނަމަވެސް، ފެސިލިޓީތައް މަދުވެ، ޕޭޝަންޓުން ގިނަވެއްޖެނަމަ ހޯމް ކަރަންޓީން ވެސް ހަދަންޖެހިދާނެ ކަމަށެވެ.
ނަމަވެސް މިހާރު ވެސް ފެސިލިޓީތަކުގައި ޑޮކްޓަރުން ހިމެނޭ ގޮތަށް މެޑިކަލް ޓީމެއް ހަރަކާތްތެރިވާނެ ކަމަށާއި އަދި އެތަނުގައި ތިބޭ މީހުން ގަވާއިދުން މޮނީޓާ ކުރަމުން ގެންދާނެ ކަމަށް ވިދާޅުވިއެވެ.