ކޮވިޑަށް ބޭހެއް ހޯދަން ދިވެހި ބޭސްވެރީންވެސް މަސައްކަތް ނުކުރަންވީ ސަބަބެއް ނެތް ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީނު ވިދާޅުވެއްޖެއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދިވެހި ބޭސްވެރިކަމުގެ ތެރެއިން ކޮވިޑަށް ފަރުވާއެއް ހޯދުމަށް މަސައްކަތްކުރައްވަންތޯ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ކޮވިޑަށް ފަރުވާއެއް ހޯދުމަށް ދިވެހި ބޭސްވެރިން ވިސްނުންތަކެއް ގެންގުޅުއްވާކަމީ އުފާކުރައްވާ ކަމެއް ކަމަށެވެ.
"ދިވެހި ބޭހެއް ވެސް ޑޮކްޓަރީ ބޭހެއް ވެސް މި ބައްޔަކަށް (ކޮވިޑަކަށް) ނެތް. މި ބައްޔަށް ފަރުވާ ދިނުމަށްޓަކައި ހުރި އެކިއެކި ވިސްނުންތަކުގެ ތެރެއިން ޑޮކްޓަރުން ފަރުވާ މިދެނީ. ބައްޔަށް ބޭހެއް ފެނުމަކީ މިހާރު އެންމެން ކުރެވޭ އުންމީދު. ދިވެހި ބޭސްވެރިން ވެސް މިކަމަށްޓަކައި މަސައްކަތްކުރުމަކީ ނުކޮށް ދޫކޮށްލާވަރުގެ ކަމެއް ނޫން،" މިނިސްޓަރު ވިދާޅުވިއެވެ.
ނަމަވެސް ޓެކްނިކަލް އެޑްވައިޒަރީ ގުރޫޕް (ޓެގު)ގައި ހިމެނިވަޑައިގަންނަވާ ޑޮކްޓަރު އަލީ ލަތީފު ވިދާޅުވީ ކޮވިޑާ ގުޅޭގޮތުން މިހާތަނަށް އެނގިފައިވަނީ ކުޑަ މިންވަރެއް ކަމުން ދިވެހިބޭސް ކުރާކަށް މިވަގުތު ލަފައެއް ނުދޭނެ ކަމަށެވެ.
"މިބަލީ (ކޮވިޑް)ގެ ވަކި ހާއްސަ ފަރުވާއެއް އަދި ނެތް. ބައެއް ބޭސްތައް އެބަހުރި. އެހެންނަމަވެސް އޭގެ ތެރެއިން ސީދާ ކޮވިޑަށް ދޭ ވަކި ހާއްސަ ފަރުވާއެއް ނެތުމުން އަޅުގަނޑުމެނ ރިކޮމެންޑެއް ނުކުރަން ދިވެހިބޭސް ކުރާކަށް މިވަގުތަކަށް،" ޑޮކްޓަރު ވިދާޅުވިއެވެ.