މާލޭގައި މި ވަގުތު ހުރި ކޮންމެ މީހަކީވެސް ރިސްކު ބޮޑު މީހެއްކަން ގަބޫލުކުރަން ޖެހޭކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ، މިހާލަތުގައި ސަރުކާރުގެ އެންމެ އިސް އަދި އެންމެ ފުރަތަމަ ފިޔަވަޅަކީ ވެސް ބެލި ފެތުރުން ކޮންޓްރޯލް ކުރުން ކަމަށެވެ.
ނަމަވެސް މިހާރުގެ ހާލަތު އޮތްގޮތަށް ބަލާއިރު މާލޭގައި މިހާރު ދިރިއުޅޭ ކޮންމެ މީހަކީ ވެސް ބަލި ޖެހިފައި ހުރުމުގެ ފުރުސަތު ބޮޑު މީހެއް ކަމުން، ވަރަށް ގިނަ ކަންކަމަށް ބެލިގެން މެނުވީ މިވަގުތު މާލެއިން ރަށަށަށް މީހަކު ދިއުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށް އަމީން ވިދާޅުވިއެވެ.
"ކުޑަ ވަގުތުކޮޅަކަށް މާލެ އައިކަމުގައިވިޔަސް މާލޭގައި ހޭދަކުރި ވަގުތުގައި ބައްދަލުވި މީހުންގެ ތެރޭގައި މިބަލީގެ އަލާމާތްތައް ހުރި ނުވަތަ މިބައްޔަށް ޕޮޒިޓިވި މީހަކާ ބައްދަލުނުވާކަން އެއީ ކަށަވަރުކަން އެނގޭކަމެއް ނޫން. އެހެންވީމަ މާލޭގައި މިހާރު ތިބި ހުރިހާ މީހުންނަކީ ވެސް މިއީ ހަމަ ވަރަށް ރިސްކުބޮޑު ބައެއް ކަމަށް ގަބޫލުކުރަންޖެހޭ،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، އަތޮޅުތެރޭގައި ވެސް ޕޮޒިޓިވްވި މީހަކު ފެނިފައިވާ ރަށެއް ފިޔަވައި އެހެން ރަށެއްގައި ބަލި ފެތުރޭ ކަމަށް އެނގެން ނެތް ނަމަވެސް މަސައްކަތް ކުރަމުން މި އަންނަނީ ރަށްރަށުގައި ވެސް ބަލީގެ މީހުން ތިބެދާނެ ކަމަށް ބަލައިގެން ކަމަށެވެ.