ކުރިޔަށް ވިއްސާރަ މޫސުން އޮތުމާއެކު ޑެންގީ ފެތުރިދާނެތީ މަދިރީން ރައްކާތެރިވުމަށް ހާއްސަ ސަމާލުކެމެއް ދިނުމަށް ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު އިލްތިމާސްކުރައްވައިފި އެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މައިމޫނާ ވިދާޅުވީ، މިހާރު މިއޮތީ ވިއްސާރަ މޫސުމެއް ކަމުން މިއީ ޑެންގީއަށް ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ހާލަތެއް ކަމަށެވެ. އަދި ޑެންގީ އަތުވެއްޖެއްޔާ ވަރަށް އަވަހަށް ފެތުރިގެންދާނެ ކަމަށާއި އެހެންކަމުން އަމިއްލަ ފަރުދީ ޒިންމާ ނަގައި، މަދިރި މަދިރި އާލާވާ ގޮތަށް ހުންނަ ތަންތަން ނައްތާލުން މުހިންމު ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އޭގެ އިތުރުން ރަށްރަށުގެ ކައުންސިލްތަކުން ވެސް އެރަށެއްގައި މަދިރި އާލާވާ ތަންތަން ހުރިތޯ ބަލައި، އެތަންތަން ނައްތާލުމުގެ މަސައްކަތް ކުރުމަށް ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު އެދިވަޑައިގަތެވެ.
"މިއީ އެންމެން އެއްވެގެން ކަންތައްތައް ކުރެވޭ ދުވަސްކޮޅެއް ނޫން. އެހެންވީމަ ވަކިވަކިން އެބައެއްގެ މަސްއޫލިއްޔަތު އެބަޔަކު އަދާކުރުން ވަރަށް މުހިންމުވާނެ. އެހެން ރޯގާތައް ވެސް އަންނާނެ ކަމަށް، ކޮވިޑް މިހެން އޮތްކަމަށް ވިޔަސް އެހެން ރޯގާތަކުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި ހުރިހާ ބޭފުޅުން ވެސް ކުރިއަށް ގެންދަވަންވާނެ،" މައުމޫނާ ވިދާޅުވިއެވެ.
ޑެންގީ އާއި ކޮވިޑް އަދި އިންފުލުއެންޒާ ވަކިކުރާނީ ކިހިނެތްތޯ ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) ގައި ހިމެނިވަޑައިގަންނަވާ ޑރ. އަލީ ލަތީފު ވިދާޅުވީ، ޑެންގީގައި އާންމުކޮށް ގަދަ ހުމެއް އައިސް، ބޮލުގައި ރިއްސާ ހުޅުގައި ރިއްސާނެ ކަމަށެވެ. އަދި ކޮވިޑަކީ އަރުދަފުސް ރޯގާއެއް ކަމުން ހުން އައިސް، ކިނބިހި އަޅާ، ކެއްސާ ކަރުގައި ރިއްސާނެ ކަމަށް ވިދާޅުވިއެވެ.
ނަމަވެސް މިއީ ޑެންގީ އާއި ކޮވިޑު ވެސް ފެންނަ ދުވަސްކޮޅެއްކަމުން ހޮސްޕިޓަލަށް ގޮސްފިނަމަ އެއީ ކޮންކަހަލަ ބައްޔެއްތޯ ދެނެގަތުމަށް ޓެސްޓު ހަދާނެ ކަމަށް ޑޮކްޓަރު ވިދާޅުވިއެވެ.
"މިހާރު އިންފުލުއެންޒާ އާއި ޑެންގީ އާއި ކޮވިޑާ އަންނަ ކަމަށްވަންޔާ ބަލާފަ، ހޮސްޕިޓަލް ސިޓިން އަކަށް އައިސްފިނަމަ ޓެސްޓުކޮށްއޭ ދޫކޮށްލާނީ. އަޅުގަނޑުމެންނަށް އެނގޭނެ އެތަފާތަކީ ކޮބައިކަން... ސީދާ ޔަގީންކަމާއެކު އިންފުލުއެންޒާއަކީ ނުވަތަ ކޮވިޑަކީ އިނގޭނީ ޓެސްޓު ހަދައިގެން،" ޑރ. އަލީފު ވިދާޅުވިއެވެ.