ކޮވިޑަށް ހާއްސަ ބޭހެއް އަދި ނެތް ކަމަށާއި ދިވެހި ބޭސް ކުރަން މިވަގުތު އަދި ލަފައެއް ނުދެއްވާނެ ކަމަށް ޑރ އަލީ ލަތީފް ވިދާޅުވެއްޖެ އެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީސޯސީ)ގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ލަތީފް ވިދާޅުވީ، އޭނާ ދިވެހި ބޭހަށް ވަރަށް ތާއީދުކުރައްވާ ކަމަށާއި، ނަމަވެސް ކޮވިޑަށް ދިވެހި ބޭހެއް ބޭނުން ކުރުމަށް މިވަގުތަށް ލަފާނުދެވޭނެ ކަމަށެވެ.
"އަޅުގަނޑަކީ ދިވެހި ބޭހަށް ވަރަށް ސަޕޯޓު ކުރާ މީހެއް އިނގޭތޯ. އެހެންނަމަވެސް ކޮވިޑަކީ ދުނިޔޭގައި ފެތުރިގެން ދިޔަތާ ވަރަށް ކުޑަ ދުވަސްކޮޅެއް ވެފައިވާ ބައްޔެއް. އަދި ބަލި އެނގޭ މިންވަރުވެސް އެހާ ބޮޑެއް ނޫން. އެހެންކަމުން މިވަގުތު އަޅުގަނޑުމެން ރިކޮމެންޑެއް ނުކުރާނަން ދިވެހި ބޭސް ކުރާކަށް." ޑރ. ލަތީފް ވިދާޅުވިއެވެ.
މީގެ އިތުރުން ކޮވިޑް 19 އަކީ މިހާތަނަށް ޑޮކްޓަރީ އެއްވެސް ބޭހެއް ވެސް ހޯދިފައި ނުވާ ބައްޔެއްކަން ޑރ. އަލީ ލަތީފް ފާހަގަކުރެއްވިއެވެ.
މީޑިއާއަށް މައުލޫމާތު ދެއްވަމުން ހެލްތު މިނިސްޓަރު އަމީން ވިދާޅުވީ، ބައްޔަށް ބޭސް ހޯދުމަށްފަހު، ބޭސްތައް ދެނެގަނެ އެބޭސްތަކަކީ އެއީ މި ބަލީގެ ބޭސްތަކެއްކަން ދެނެގަނެވޭނެ ހިސާބަށް ދިއުމުން، އެއީ ދިވެހި ބޭހެއް ކަމުގައިވިޔަސް އަދި އެހެން ބޭހެއް ކަމުގައިވިޔަސް ބޭސްވެރިކަމުގެ ހަމަތަކުގެ މަތިން އެކަން ކުރެވޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
ދިވެހި ބޭސްވެރިން މިކަމަށް އިސްނަންގަވައިގެން ބޭހެއް ހޯދުމައި މަސައްކަތް ކުރައްވާ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށާއި އެކަމަށް ވަރަށް އުފާ ކުރައްވާ ކަމަށްވެސް މިނިސްޓަރު އަމީން ވިދާޅުވިއެވެ.