އަލީ ޔާމިން
ބަލި އާދަޔާ ހިލާފަށް ފެތުރެން ފަށައިފި ނަމަ ވަސީލަތްތައް މަދުވެ ގޭތެރޭގައިވެސް ކަރަންޓީނު ކުރަން ޖެހިދާނެ ކަމަށް ޑރ. އަލީ ލަތީފް ވިދާޅުވެއްޖެއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ލަތީފް ވިދާޅުވީ، މުޖުތަމައުގެ ތެރޭގައި ބަލި ފެތުރުމުން ބަލި ޖެހޭ މީހުންގެ އަދަދާއި ކޮންޓެކްޓް ޓްރޭސިންގެ ނަންބަރުތައް އިތުރުވާނެކަން ކުރިންވެސް އެނގޭ ކަމަށެވެ. ނަމަވެސް ޕޮޒިޓިވްވާ މީހުންގެ އެހާ ގިނަ ކޮންޓެކްޓުން ހުރެދާނެއެކޭ ކުރިން ލަފާކޮށްފައި ނުވާ ކަމަށާއި ގިނަ ކޮންޓެކްޓުން ފެންނަ ނަމަ ހޯމް ކަރަންޓީނަށްވެސް ބައެއް މީހުން ގެންދަން ޖެހިދާނެ ކަމަށް ޑރ. ލަތީފް ވިދާޅުވިއެވެ.
"ކޮމިޔުނިޓީ ތެރޭގައި ބަލި ފެތުރުމަށް ފަހު އަޅުގަނޑުމެންނަށް އެބަ އެނގޭ ޕޮޒިޓިވްވާ ކޭސެސް ގިނަވާނެ ކަން އަދި ކޮންޓެކްޓްވާ މީހުންވެސް ގިނަވާނެކަން. އަޅުގަނޑުމެން ހިއެއް ނުކުރަން އެނގޭތޯ ޕޮޒިޓިވްވާ މީހުންގެ އެހާ ގިނަ ކޮންޓެކްޓުން ތިބެދާނެ ކަމަށް. އަޅުގަނޑުމެން ކުރީގައި އެސްޓިމޭޓް ކުރީވެސް އެހާގިނަ ކޮންޓެކްޓުން ނުތިބޭނެ ކަމަށް. ނަމަވެސް އެހާ ގިނައިން ކޮންޓެކްޓުން އިތުރުވަމުންދަންޏާ ހޯމް ކަރަންޓީނަށް ދާން ޖެހޭނެކަންވެސް އަޅުގަނޑުމެންނަށް އެނގޭ.”އޭނާ ވިދާޅުވިއެވެ.
ހޯމް ކަރަންޓީނު ކުރާއިރު އެންމެ ފުރަތަމަ މަރުހަލާގައި ބަލާނީ ހޯމް ކަރަންޓީން އެންމެ ރަނގަޅަށް ކުރެވޭނީ ކޮން ބަޔަކަށްތޯ ކަމަށް ޑރ. ލަތީފް ވިދާޅުވިއެވެ. އަދި ހޯމް ކަރަންޓީން ރަނގަޅަށް ނުކުރެވޭ މީހުން ކަރަންޓީން ފެސިލިޓީތަކަށް ގެންދާނެ ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން ޑރ. ލަތީފް ވިދާޅުވީ، ހޯމް ކަރަންޓީން ކުރާއިރުވެސް ގައިދުރުކަމަށް ހާއްސަ އިސްކަމެއް ދިނުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި މުޅި މާލޭގައި ކޮންޓްރޯލް ނުވާ ވަރަށް ބަލި ފެތުރިއްޖެނަމަ ގޭގައި ޖާގަ ނެތްކަމުގައިވީނަމަވެސް ގޭގައި ކަރަންޓީން ކުރަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.