ކޮވިޑް 19

14 ދުވަހުގެ ކަރަންޓީނަށްފަހުވެސް ބަލި ހުރުމުގެ ފުރުސަތު އޮންނާނެ، އެކަމަކު އެއީ ވަރަށް ކުޑަ ފުރުސަތެއް: ލަތީފް

14 ދުވަހުގެ ކަރަންޓީނަށްފަހުވެސް ބަލި ހުރުމުގެ ފުރުސަތު އޮންނާނެ ކަމަށާއި އެކަމަކު އެއީ ވަރަށް ކުޑަ ފުރުސަތެއް ކަމަށް ޑރ. އަލީ ލަތީފު ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ލަތީފް ވިދާޅުވީ، 14 ދުވަހުގެ ކަރަންޓީނަށް ފަހުވެސް ބަލި ހުރުމުގެ ފުރުސަތު އޮންނާނެ ކަމަށާއި ނަމަވެސް އެއީ ވަރަށް ކުޑަ ފުރުސަތެއް ކަމަށެވެ. އެހެންކަމުން އެ ފަދަ މީހުން ކަރަންޓީނުން ދޫކޮށްލިނަމަވެސް އިތުރަށް ސަމާލުވުމަށް އިލްތިމާސްކުރައްވާ ކަމަށް ޑޮކްޓަރު ވިދާޅުވިއެވެ.

"ކަރަންޓީންގައި 14 ދުވަހަށް ފަހު އެއްވެސް ކަހަލަގެ ރިސްކެއް އޮތްތޯ ނެތްތޯ. އޭގެ ޖަވާބުގައި އޮތީ ރިސްކެއް އޮވެދާނެއޭ. އެހެންނަމަވެސް އެއީ ވަރަށް ކުޑަ ރިސްކެކޭ. އާންމުގޮތެއްގައި ކަރަންޓީން 14 ދުވަހަށް މި ހަމަޖައްސާ ގޮތަކީވެސް އެ 14 ދުވަހަށް ފަހުގައި ބަލި ފެތުރުމުގެ ފުރުސަތު ކުޑަވީމައޭ. އެހެންނަމަވެސް ކަރަންޓީނުން ދޫކުރާއިރުގައިވެސް އަޅުގަނޑުމެން އެދެނީ ރަށަށް ވަޑައިގެންކަމުގައިވިޔަސް މާލޭގައި ހުންނެވިކަމުގައިވިޔަސް އެ ނަގަން ޖެހޭ އިތުރު ޕްރިކޯޝަންސްތައް ނެންގެވުން" ޑރ. ލަތީފް ވިދާޅުވިއެވެ.

މީގެ އިތުރުން ޑރ. ލަތީފް ވިދާޅުވީ، އެފަދަ މީހެއްގެ ފަރާތުން ކިރިޔާވެސް ރޯގާގެ އަލާމާތެއް ފެނިއްޖެނަމަ އެކަހެރިވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި، އަދި އެކަހެރިވުމަށް ފަހު ހެލްތު ޕްރޮޓެކްޝަން އެޖެންސީއަށް ރިޕޯޓު ކުރުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށެވެ

ޑރ. އަލީ ލަތީފް ވިދާޅުވީ، މި ބައްޔަކީ އެއްވެސް އަލާމާތެއް ނުފެނިވެސް ފެތުރޭ ބައްޔަކަށް ވުމުން، ބަލި ޖެހުމުގެ ފުރުސަތު އެންމެންނަށް އޮތް ކަމަށެވެ. ހާއްސަކޮށް މާލޭގެ ރައްޔިތުންނަށް ބަލި ޖެހުމުގެ ފުރުސަތު އޮތް ކަމަށް ވިދާޅުވިއެވެ.