ކޮވިޑް 19

މަސައްކަތް މިކުރަނީ ބަލި ފެތުރޭ ނިސްބަތް ލަސްކުރަން: މިނިސްޓަރު އަމީން

އަލީ ޔާމިން

މަސައްކަތް މިކުރަނީ ބަލި ފެތުރޭ ނިސްބަތް ލަސްކުރަން ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަމީން ވިދާޅުވީ، ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް އެންމެ ފުރަތަމަ ކުރާ ކަމަކީ ލޮކްޑައުންގައި އެއްތަނުން އަނެއްތަނަށް ނުދިއުން ކަމަށެވެ. އެގޮތުން ލޮކްޑައުންއާ އެއްގޮތަށް އަމަލުކޮށްފިނަމަ އެމީހަކު ދިރިއުޅޭ އިމާރާތަކުން ދުރަށް ބަލި ގޮސްގެން ނުވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، މިހާރު ރާއްޖޭގައި ބަލި އެބައޮތް ކަމަށާއި ބައްޔަށް އިތުރު މީހުންވެސް ޕޮޒިޓިވްވާނެ ކަމަށެވެ. ނަމަވެސް ބަލި ފެތުރުނަ ނުދީ، ބަލި ފެތުރުން ލަސް ކުރުމަށް މަސައްކަތް ކުރުމަކީ މުހިންމު ކަމެއް ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.

"ކުއްލިއަކަށް ފެތުރިގެން ގޮސްފިނަމަ އެއްވެސް ނިޒާމަކަށް އޮބިނޯވެ އަޅުގަނޑުމެންގެ މުޅި ނިޒާމުތަކަށް ނުކަތާ ހިސާބަށް ގޮސްފިކަމަށްވާނަމަ މީހުން މަރުވާ އަދަދުވެސް އިތުރުވާނެ. އަދި ދެން ހުރި އިޖުތިމާއީ ގޮންޖެހުންތައްވެސް އަޅުގަނޑުމެންނަށް ބޮޑުވާނެ. އެހެންކަމުން މި ދެންނެވި ހާލަތަށް ނުގޮސް ބަލި ފެތުރުން ލަސްކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް އެއީ މި މުޅި ބަލީގެ ފަރުވާގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު ކަމަކީ، ހުރިހާ ގައުމެއްގައިވެސް އަމަލުކުރާ ގޮތަކީ،" މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު އަމީން ވިދާޅުވީ، ރާއްޖޭގެ ކޮންމެ ރައްޔިތަކީ، ހާއްސަކޮށް މާލޭގައި ދިރިއުޅޭ ކޮންމެ މީހަކީ މިހާރު ބަލި ޖެހުމުގެ ފުރުސަތު ބޮޑު މީހުން ކަމަށެވެ. އެހެންކަމުން ރައްކާތެރިކަމުގެ ގޮތުން އެޅެން ހުރި ހުރިހާ ފިޔަވަޅެއް އެޅުމަކީ މުހިންމު ކަމެއްކަމުގައި މިނިސްޓަރު ފާހަގަކުރެއްވިއެވެ.