ކޮވިޑް 19

ލޮކްޑައުން އިތުރުކުރަން ޖެހޭނެ ކަމުގެ އިޝާރާތެއް ހެލްތު މިނިސްޓަރު ކުރައްވައިފި

މަރިޔަމް ޝަހުދާ

ކޮވިޑް19އާއި ގުޅިގެން ރާއްޖޭގައި މިހާރު އިއުލާނުކޮށްފައިއޮތް ލޮކްޑައުން އިތުރުކުރަން ޖެހޭނެ ކަމުގެ އިޝާރާތެއް ހެލްތު މިނިސްޓަރު އަބްދުﷲ އަމީނު ކުރައްވައިފިއެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ މިވަގުތު ހާލަތު މިއޮތީކީ ލޮކްޑައުން އުވާލަން ޖެހޭ ހިސާބެއްގައި ނޫން ކަމަށެވެ.

"މިވަގުތު ހާލަތު މިއޮތީކީ އަޅުގަނޑުމެން އާންމު ހާލަތަކަށް ބަދަލުވާން ޖެހޭ ހާލަތަކު ނޫން. އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ ކުރިއަށް އޮތް ހަތަރު ދުވަހުގެ ތެރޭގައި ލޮކްޑައުން އިން ވީއްލަން ޖެހޭ ހާލަތަކަށް އަޅުގަނޑުމެން އައިސްދާނެ ކަމަށް. އަދި އާންމު ހާލަތަށް އަޅުގަނޑުމެން ބަދަލު ވެދާނެ ކަމަށް،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ހާލަތު ބަދަލުވާން ވަގުތު ނަގާނެ ކަމަށެވެ. އަދި ކުރިއަށް ދާން ޖެހޭނީ ދަތިކަމުގެ ތެރޭގައި އިތުރު ދުވަސްތަކެއް އުޅެން ޖެހޭނެ ކަމަށް ގަބޫލުކޮށްގެން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިހާރުގެ ހާލަތުގައި އަހަރެމެންގެ ތެރޭ ބަލި އެބައޮތް ކަމަށާއި މި ބައްޔަށް މީހުން ޕޮޒިޓިވްވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ކުރެވޭނެ އެންމެ މުހިއްމު ކަމަކީ ލޮކްޑައުންގެ ހާލަތުގައި އެއްތަނުން އަނެއްތަނަށް ދަތުރު ނުކުރުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މިހާރުގެ އަމާޒަކީ ބަލި ފެތުރުން ލަސް ކުރުން ކަމަށެވެ. އަދި މި ބަލި ކުއްލިއަކަށް ފެތުރިގެން ހިނގައްޖެނަމަ ނިޒާމުގެ ތެރެއަށް ނުކަތާނެ ކަމަށާއި، މިބަލީގައި މަރުވާ މީހުންގެ އަދަދު އިތުރުވެ މުޖުތަމައު ތެރޭ އިތުރު ގޮންޖެހުންތަކާއި ކުރިމަތިވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.