ކޮވިޑް 19

ރަށްރަށުގައި ކޮވިޑަށް ފިޔަަވަޅުތައް އަޅާއިރު ޓީމެއްގެ ގޮތުގައި މަސައްކަތްކޮށްދެއްވުމަށް މައިމޫނާ އިލްތިމާސްކުރައްވައިފި

އަލީ ޔާމިން

ރަށްރަށުގައި ކޮވިޑާއި ގުޅިގެން ފިޔަަވަޅުތައް އަޅާއިރު ގުޅިގެން ޓީމެއްގެ ގޮތުގައި މަސައްކަތްކޮށްދެއްވުމަށް ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު އިލްތިމާސްކުރައްވައިފި އެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު(އެންއީއޯސީ)ގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑިރެކްޓާ ޖެނެރަލް މައިމޫނާ ވިދާޅުވީ، ކޮވިޑް 19 ފެތުރިފައިވާ މި ދަނޑިވަޅަކީ އުނދަގޫ ދަނޑިވަޅެއް ކަމަށެވެ. އަދި އެކަމާ ގުޅިގެން މާލެއިން އަތޮޅުތެރެއަށް އަދި އަތޮޅުތެރެއިން މާލެއަށް އަންނަން ބޭނުންވެފައިވާ ފަރާތްތަކަށްވެސް އާދެވޭނެ ގޮތް ނެތިފައިވާ ކަމަށާއި އެހެންކަމުން އެގޮތަށް ތިބޭ ފަރާތްތަކާއި، އަތޮޅުތެރެއިން މި ބަލީގެ އަލާމާތްތައް ފެންނަ މީހުންނަށްވެސް ކައުންސިލްތަކާއި ޓާސްކްފޯސްއާއި އެނޫންވެސް ފަރާތްތައް ގުޅިގެން މަސައްކަތް ކުރުމަށް އިލްތިމާސްކުރާކަމަށް ވިދާޅުވިއެވެ.

“ރަށްރަށުގައި އެބަ ތިބި މާލެ އަންނަން ބޭނުންވެފައި. އެހެންނަމަވެސް ނާދެވިފައި ތިބި ފަރާތްތައް ކޮވިޑް 19ގެ ސަބަބުން. އެހެންކަމުން އެގޮތަށް ތިބި ފަރާތްތަކަށް ރަށްރަށުގެ ކައުންސިލްތަކާއި، ޓާސްކްފޯސްތަކާއި އަދި އެނޫންވެސް ފަރާތްތަށް ގުޅިގެން އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ ދަނޑިވަޅެއް މިއީ،" މައިމޫނާ ވިދާޅުވިއެވެ.

މީގެ އިތުރުން ބައެއް ރަށްރަށުގައި ބައެއް ގެތައް މޮނީޓަރިންގެ ހާލަތަށްވެސް ގެންދެވޭ ކަމަށާއި އަދި ބައެއް ރަށްރަށުގެ ކައުންސިލްތަކުން ފިޔަވަޅުތައް ވަރުގަދަކޮށް އެއްގޮތަކަށްވެސް ރަށުތެރެއަށް ނުކުމެ އުޅުން މަނާކޮށްފައިވާ ކަމަށް މައިމޫނާ ވިދާޅުވިއެވެ. އެހެންކަމުން ކޮވިޑާ ގުޅިގެން ފިޔަވަޅުތައް އަޅާއިރު އެޗްޕީއޭގެ ލަފާގެ މަތިން ފިޔަވަޅުތައް އެޅުމަށް މައިމޫނާ އިލްތިމާސްކުރެއްވިއެވެ.

މައިމޫނާ ވިދާޅުވީ، މިއީ ކޮވިޑުގެ ލޭބަލް ވަކި މީހެއްގެ ބޮލުގައި ނުވަތަ ބަކި ބައެއްގެބޮލުގައި އަޅުވައިގެން މަސައްކަތް ކުރަން ޖެހޭ ވަގުތު ނޫން ކަމަށާއި މިއީ އެންމެން ގުޅިގެން ކޮވިޑާ ދެކޮޅަށް މަސައްކަތް ކުރަން ޖެހޭ ވަގުތު ކަމަށެވެ.