ކޮންމެ މީހަކުވެސް ކަރަންޓީނަށް ދާން ޖެހިދާނެ ކަމަށް ބަލައި ތައްޔާރަށް ތިބުމަށް ހެލްތު މިނިސްޓަރު އެދިވަޑައިގެންފި އެވެ.
ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެނަޓަރުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމަވުން މިނިސްޓަރު ވިދާޅުވީ މިހާރު ކަރަންޓީނު ކުރުމަށް ގެންގުޅޭ އުސޫލު ބަދަލު ކުރަން ޖެހިދާނެ ކަމަށެވެ.
އެގޮތުން ގޭގައި ކަރަންޓީނު ކުރަން ޖެހިދާނެ ހާލަތަކަށް ބަލައި، ހުރިހާ ރައްޔިތުން އެކަމަށް ތައްޔާރުވެ ތިބުމަށް މިނިސްޓަރު އިރުޝާދު ދެއްވިއެވެ. މީގެ އިތުރުން ޕޮޒިޓިވް ވާ މީހުންގެ ތެރޭގައިވެސް ފަރުވާ ދޭން ޖެހޭ ހާލަތަކަށް ނުދާ، އާންމު ހާލަތުގައި ދިރިއުޅެވޭ މީހުން ތިބިކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.
މިނިސްޓަރު އަމީން ވިދާޅުވީ އެފަދަ މީހުންނަށް ފަރުވާ ބޭނުންވެއްޖެ ހިނދެއްގައި ފަރުވާ ދިނުމުގެ ކަންކަމާއި، ހާލަތު ނާޒުކުވާ ހިނދު އެކަމަށް ފަރުވާ ދިނުމުގެ ކަންކަންވެސް ހަމަޖައްސާފައިވާ ކަމަށެވެ. އަދި މި ހުރިހާ ކަމަކަށް ބަލައި، ފަރުވާ ދޭން ނުޖެހޭ ނަމަވެސް ބައްޔަށް ޕޮޒިޓިވް ވެފައިވާ މީހުން ބައިތިއްބާނެ ގޮތަކާއިމެދު މަޝްވަރާ ކުރަމުން އަންނަ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިފަދަ މީހުން ވަކި ތަނެއްގައި، ވަކި ރަށެއްގައި ބޭތިއްބުމުގެ މަޝްވަރާ ކުރެވެމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އެމީހުންނަށް ފަރުވާ ދޭން ޖެހިއްޖެ ހާލަތެއްގައި މިހާރު ހުރި ފަރުވާގެ އިންތިޒާމުގެ ތެރެއަށް އެމީހަކު ގެނެސް ފަރުވާ ދިނުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މާލޭގައި އުޅޭ މީހުން މިހާލަތުގައި ވަރަށް ބޮޑަށް ސަމާލުވާން ޖެހޭ ކަމަށެވެ.