މިންހާ ފާއިޒް ރަޝާދު
ކޮވިޑްގެ ނުރައްކާ މާލެތެރެއަށް ފެތުރުމާއެކު ޑޮކްޓަރުންވެސް މިވަނީ މާސްކުއެޅުމަށް އިލްތިމާސް ކުރަން ފަށާފައެވެ. ނަމަވެސް ސާޖިކަލް މާސްކު ލިބުމަށް ދަތިވެފައިވާ ވަގުތެއްގައި، ކުރީ ސަފުގައި، ބައްޔަށް ފަރުވާދެމުން އަންނަ ޑޮކްޓަރުންނާއި ނަރުހުން އަދި ސިއްހީ ހިދުމަތްތެރިންނަށް އެ މާސްކުތައް ބަހައްޓައި އާންމުން އަޅަންވީ ފޮތި މާސްކު ކަމަށް ސިއްހީ ދާއިރާގެ ފަންނީ ބޭފުޅުން ވިދާޅުވެ އެވެ.
އެން95 އަދި ސާޖިކަލް މާސްކުން ފޯރުކޮށްދޭ އެންމެ ފުރިހަމަ ރައްކާތެރިކަން ފޮތި މާސްކުން ނުލިބުނަސް، މުޖުތަމައުގައި ބަލި ފެތުރުން ހުއްޓުވަން މިއީވެސް ހައްލެކެވެ. ނޭފަތާއި އަނގަށް އެއްވެސް ގޮތަކަށް ރައްކާތެރިނުކޮށް ބެހެއްޓުމަށްވުރެ މިގޮތް މާބޮޑަށް ވެސް ރައްކާތެރިކަމަށް ޑޮކްޓަރުން ވެސް އަންނަނީ ވިދާޅުވަމުންނެވެ.
މާސްކު އަޅަން ލަފާދިން ނަމަވެސް، މާސް ހޯދުމަކީ ފަސޭހަ ކަމަކަށް ނުވެއެވެ. އަމުދުން ލޮކްޑައުންގެ މިހާލަތުގަ އެވެ. ތަންތަނަށް ދަތުރުކުރުން ފަސޭހަ ކަމަކަށް ނުވާތީ އެވެ. އެހެން ނަމަވެސް މި މަންޒަރު ބަދަލުވެގެން މި ދިޔައީ އަނެއްކާވެސް ދިވެހީންގެ އުފެއްދުންތެރިކަމާއި މިފަދަ ކަންކަމުގައި ގެންގުޅޭ އެކުވެރިކަމާއި އެއްބައިވަންތަކުގެ އުފާވެރި މަންޒަރެއް ދައްކަމުންނެވެ. ގޭގައި ތިބެގެން، ބާކީވެފައި ހުންނަ ފޮތިކޮޅު ބޭނުންކޮށްގެން ގިނަ ބަޔަކު ވަނީ މާސްކު ފަހަން ފަށައިފަ އެވެ. މީގެ ތެރޭގައި އެކި ޑިޒައިން ތަކަށް އެކި ކުލަތަކުން، އެކި ލޭޔަރުތައް ހިމެނޭ ގޮތުން ތަފާތު ވައްތަރުތަކުގެ މާސްކުތައް ދިވެހީން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތައްޔާރުކުރާން ފަށާފަ އެވެ.
މިގޮތަށް އުފައްދާ މާސްކުތައް އާއިލާގެ މީހުންނަށާއި އަވައްޓެރީންނަށާއި ރައްޓެހީންނަށް ބަހަމުން އަންނަ މަންޒަރު މިއަދު ސޯޝިއަލް މީޑިއާއިން އަންނަނީ ފެންނަމުންނެވެ. މީ އުފާކުރަން ޖެހޭ ކަމެކެވެ.
އެހެން ނަމަވެސް، ކޮންމެ ކަމެއްވެސް ކުރަން ވާނީ އޭގެ ރައްކާތެރިކަމުގެ ފަޔަވަޅުތައް އަޅައިގެންނެވެ. މާސްކެއް އެޅުމަކުން ނުފުދެއެވެ. ނުވަތަ އަންގި ލެއްވުމަކުންވެސް ނުފުދެއެވެ. އެތަކެތި ބޭނުން ކުރަންވެސް ވަކި ގޮތްތަކެއް އޮވެއެވެ. އަދި މި ކަންތައްތައް ޑޮކްޓަރުންވެސް ގެންދަވަނީ މީސް މީޑިއާގެ ޒަރިއްޔާއިން ހަނދުމަކޮށްދެއްވަމުންނެވެ. އެގޮތަށް އެއްކޮށްލެވުނު މައުލޫމާތުތަކާއި ޑޮކްޓަރުންގެ ލަފާގެ މަތީން ފޮތި މާސްކު ރައްކާތެރި ކަމާއެކު ބޭނުން ކުރެވިދާނެ ގޮތްތައް ތިރީގައި އެވަނީއެވެ.
މާސްކު އެޅުމުގެ ކުރިން ސައިބޯނި ލައިގެން ރަނގަޅަށް އަތްދޮވެ ހިއްކަން ޖެހެއެވެ. އަދި އެއްވެސް ހުސްޖާގައެއް ނުހުންނަ ގޮތަށް އަނގަޔާއި ނޭފަތް ފޮރުވައި، މޫނުގެ ބައްޓަމަށް ފެތޭގޮތަށް މާސްކު އެޅުން މުހިންމެވެ.
މާސްކު އެޅުމަށްފަހު އޭގައި އަތް ނުލުމަށާއި، އަތްލާން ޖެހިއްޖެ ހާލަތެއްގައި އަތްލުމަށްފަހު އެހެން ތަނެއްގައި އަތްލުމުގެ ކުރިން އަވަހަށް އަތް ދޮވުން ނުވަތަ ހޭންޑް ސެނިޓައިޒަރެއް ބޭނުން ކުރުމަށް ޑޮކްޓަރުންްނާއި ސިއްހީ މާހިރުން ލަފާދެއްވައެވެ. އަދި މާސްކުން އެއްވެސް ތެތްކަމެއް އިހުސާސްވެއްޖެނަމަ އެ މާސްކު އަވަހަށް ބަދަލުކުރުން މުހިންމެވެ.
އެއްފަހަރު ބޭނުން ކުރާ މާސްކު (ސާޖިކަލް މާސްކު) ބޭނުން ކުރުމަށްފަހު ރައްކާތެރިކަމާއެކު ކޮތަޅަކަށް ލައި ޑަސްޓްބިނަށް ލާށެވެ. އެ މާސްކު ދެވަނަ ފަހަރަށް ބޭނުން ނުކުރާށެވެ. ނަމަވެސް ފޮތި މާސްކަކީ ދޮވެގެން ބޭނުން ކުރެވޭ މާސްކެއް ކަމުން ބޭލުމަށްފަހު ދޮވެލެވޭނެއެވެ. މާސްކު ދޮވުމަށްޓަކައި ހޫނު ފެން އެއްޗެއްގެ ތެރެޔަށް މާސް ލާށެވެ. މާސްކު ފޮރުވޭ ވަރަށް ފެން ހުންނަން ވާނެއެވެ. އެއަށްފަހު ދޮންނަ ކުނޑި އަޅައި ބައިގަޑިއިރު ވަންދެން ބަހައްޓާށެވެ. ތައްޓަށް އަޅާ ފެނަކީ ކެކިކެކި ހުރި ހޫނު ފެނަށް ވާންވާނެއެވެ. ގޭގައި ބްލީޗް ހުރި ނަމަ 1/2 މަތި ގަނޑު ބްލީޗްވެސް އެއަށް އަޅާށެވެ. އަތުން މާސްކު ދޮވެލެވޭ ވަރަށް ފެންގަނޑު ހިހޫވުމުން ރަނގަޅަށް ދޮވެލާށެވެ. އަދި ވައި ދައުރުވާ އަވިދޭ ތަނެއްގައި ހިއްކަން އަޅާށެވެ. ދެވަނަ ފަހަރަށް މާސްކު ބޭނުން ކުރަންވާނީ ރަނގަޅަށް ހިކުނީމައެވެ. އަވިދޭ ތަނެއް ނެތް ނަމަ ވައި ދައުރުވާ ހުޅުވިފައިވާ ތަނެއްގައި ބާއްވައިގެން ރަނގަޅަށް ހިއްކާށެވެ.
މާސްކު މޫނުން ނައްޓާއިރުވެސް ވިސްނަންޖެހޭ ކަންކަން ހުރެއެވެ. އެގޮތުން ކުރިމަތީ ތައްޓެއް ނުވަތަ ބާލިދީއެއް ބެހެއްޓުމަށްފަހު ކުރިމައްޗަށް ގުދުވެލުމަށްފަހު ކަންފަތުގައި ނުވަތަ ބޮލުގެ ފުރަގަހުގައި އަޅުވާފައި ހުރި ވާކޮޅު ނައްޓާލާށެވެ. ދެން ވާކޮޅުގައި ހިފައި ގައިގައި ނުޖެހޭ ގޮތަށް މާސްކު ތައްޓަށް ނުވަތަ ބާލިދީއަށް ލާށެވެ. މިފަދަ އެއްޗެއް ނެތް ތަނެއްގައި މާސް ނައްޓަން ޖެހިއްޖެ ނަމަ، ކުޑަކޮށް ގުދުވެލުމަށްފަހު ކަންފަތުގައި ނުވަތަ ބޮލުގެ ފުރަގަހަށް ވާގޮތަށް އަޅުވާފައި އޮތް ވާފަށުގައި ހިފައި މޫނާ ދުރަށްވާ ގޮތަށް މާސް ނައްޓައިލާށެވެ. މިގޮތަށް ނައްޓާއިރު މާސްކުގެ އެއްވެސް އެހެން ތަނެއްގައި އަތް ނުލާށެވެ.
އަދިވެސް ނިމުނީއެއްނޫނެވެ. މާސްކު ދޮވުމަށް ބޭނުން ކުރި ތަށި ނުވަތަ ބާލިދީ ރަނގަޅަށް ދޮންނަކުނޑިން ނުވަތަ ބްލީޗުން ދޮވެލައި ހިއްކަންވާނެއެވެ. އަތްވެސް ރަނގަޅަށް ދޮވެ ހިއްކަންވާނެއެވެ.
މާސްކު ގޭގައި ތައްޔާރުކޮށްލަން ވަރަށް ފަަސޭހައެވެ. ނަމަވެސް މިގޮތަށް ފަހާއިރުވެސް އޭގެ އެންމެ ރައްކާތެރިކަން ބޮޑު ގޮތަކަށް ފެހޭތޯ މަސައްކަތް ކުރަންވާނެއެވެ. އެތެރެހަށީގެ ހާއްސަ ޑޮކްޓަރު މުހައްމަދު އަލީ ވަނީ މީގެ ކުރިންވެސް މާސްކު ގޭގައި ތައްޔާރުކޮށްލެވޭ ފަސޭހަ ގޮތްތަކެއް ހިއްސާކޮށްފައެވެ. ފަހައިގެން ހަދާ މާސްކާއި ނުފަހައި ވެސް ފަސޭހައިން މާސްކު ހެދޭނެ ގޮތް އޭގައި ވެއެވެ. ވަކި ވައްތަރެއްގެ ފޮއްޗެއްވެސް މުހިންމެއް ނޫނެވެ. އަތުގައި އޮތް ޓީޝާޓެއްވެސް ބޭނުން ކުރެވިދާނެއެވެ.
ކުޑަކުދިންގެ ހާއްސަ ޑޮކްޓަރުން އަދި އޭޑީކޭ ހޮސްޕިޓަލުގެ ޗީފް މެޑިކަލް އޮފިސަރު ޑޮކްޓަރު އަބްދުﷲ ނިޔާފު އިއްޔެވެސް ވަނީ މާސްކު އެޅުމުގައި ފަރުވާ ބަހައްޓަން ޖެހޭ ބައެއް ކަންތައްތައް ޓުވީޓުކުރައްވާފައެވެ.
މާސްކު އެޅުމަށްފަހުވެސް ކެއްސައި ކިނބިހި އަޅާނަމަ އުޅަނބޮއްޓަށް އެޅުމަށް ހަނދާންކުރަން ޖެހެއެވެ. އެހެންނޫނީ ހާއްސަކޮށް ފޮތި މާސްކުގައި 100 ޕަސެންޓް ޕްރޮޓެކްޝަން ނުލިބޭތީ ވައިރަސްތައް ދަތުރުކުރުމުގެ ފުރުސަތު އޮންނާނެއެވެ. އަދި އެއްކަމެވެ. މާސްކު އަނގައިން ނައްޓާފައި ކަރުގައި އެލުވާފައި އެއްވެސް ހާލަތެއްގައި ބެހެއްޓުން ރައްކާތެރިއެއްނޫނެވެ.
މާސްކު އަޅަނީވެސް ކޮވިޑުން ރައްކާވުމަށް އިތުރު ފިޔަވަޅެއްގެ ގޮތުގައެވެ. އަމިއްލަ ރައްކާތެރިކަމަށްވުރެ މާސްކު އެޅުމުން އަނެކާގެ ރައްކާތެރިކަން މާބޮޑަށްވެސް ލިބޭނެއެވެ މި ފިޔަވަޅުތައް އަަޅަނީ ރައްކާތެރިވުމަށެވެ. ނަމަވެސް ރައްކާތެރިވުމަށް އަޅާ ފިޔަވަޅުގައި އިތުރަށް ރައްކާތެރިވުމުން ނޫނީ އޭގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ނުހިފޭނެއެވެ.