ދުނިޔެ

ކޮރޯނާ ވައިރަސް އެންމެ އަވަހަށް މަރުވަނީ އިރުގެ ދޯދިތަކުން: އެމެރިކާ ސައިންސްވެރިން

އަލީ ޔާމިން

ކޮރޯނާވައިރަސްއިން ފަތުރާ ކޮވިޑް 19 އެންމެ އަވަހަށް މަރުވަނީ އިރުގެ ދޯދިތަކުން ކަމަށް އެމެރިކާގެ ސައިންސްވެރިން ބުނެފިއެވެ.

އެމެރިކާގެ ޑިޕާޓްމަންޓް އޮފް ހޯމްލޭންޑް ސެކިއުރިޓީގެ ސައިންސް އެންޑް ޓެކްނޮލޮޖީގެ އެޑްވައިޒަރު ވިލިއަމް ބްރަޔަން ވައިޓު ހައުސްގެ ރިޕޯޓަރުންނަށް އިއްޔެ ވިދާޅުވީ، އިރުގެ ދޯދިތަކުގައި ހިމެނޭ އަލްޓްރާވައިލެޓް ރޭޒްގެ ސަބަބުން ވައިރަސްއަށް ވަރަށް ބޮޑަށް އަސަރުކުރާ ކަަމަށް ސައިންސްވެރިންނަށް ފާހަގަވެފައިވާ ކަމަށެވެ. އެހެންކަމުން މިފެށޭ ހޫނު މޫސުމުގައި ވައިރަސް ފެތުރުން ބައެއް ގައުމުތަކުގައި ކޮންޓްރޯލް ކުރެވޭނެ ކަމަށް ލަފާކުރެވޭކަމަށް އޭނާ ވިދާޅުވިއެވެ.

"އިރުގެ އަލި ނުވަތަ އިރުގެ ދޯދިތަކާއި ސީދާ ދިމާވުމުން ވައިރަސް ވަރަށް އަވަހަށް މަރުވެގެންދޭ" ބްރަޔަން ވިދާޅުވިއެވެ.

ބްރަޔަން ވިދާޅުވީ، ފިނިހޫނުމިން ވަކި ވަރަކަށް ވުރެ މައްޗަށް ގޮސްފިނަމަ ވައިރަސް މަރުވާ ކަމަށެވެ.

ވިލިއަމް އެފަދައިން ވިދާޅުވި ނަމަވެސް ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އޮފިޝަލެއް ކަމަށްވާ ޑރ. މާގްރެޓް ހޭރިސް ވިދާޅުވީ އެމެރިކާގެ ސައިންސްވެރިންގެ އެ ތިއަރީއަކީ ސާބިތުކުރެވިފައިވާ ތިއަރީއެއް ނޫން ކަމަށެވެ. އެގޮތުން މެލޭޝިއާ، ތައިލެންޑް އަދި ސިންގަޕޫރު ފަދަ ހޫނުގަދަ ގައުމުތަކުގައި ވެސް ކޮރޯނާގެ ނުރައްކާ ކުޑަނޫންކަން އޭނާ ފާހަގަކުރެއްވިއެވެ.

ކޮވިޑް 19އަށް މިހާތަނަށް އަދި ފަރުވާއެއް ހޯދިފައެއް ނުވެއެވެ.