ކުއްލި ޚަބަރު

ކޮވިޑަށް ޕޮޒިޓިވްވި ދިވެއްސަކު ރަނގަޅުވެ، ބަލިން ފަސޭހަވި މީހުންގެ އަދަދު 17 އަށް

އައިދާ އަބްދުލް ހަކީމް

ކޮވިޑް 19އަށް ޕޮޒިޓިވްވި ދިވެއްސަކު ރަނގަޅުވެ، ބަލިން ފަސޭހަވި މީހުންގެ އަދަދު 17 އަށް އަރައިފިއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު ވިދާޅުވީ އެންމެ ފުރަތަމަ ފެނުނު ކޭސް އިން ފެށިގެން 13، 16، 17، 18 އަދި 19 މިބަލިން ރަނގަޅުވެފައިވާ ކަމަށެވެ. އަދި 14 ވަނަ ކޭސް އާއި 15 ވަނަ ކޭސްއަކީ ރާއްޖެއިން ފުރި ފަހުން ބަލި ހުރިކަން އެނގުނު ދެމީހުން ކަމަށާއި އެ ދެމީހުންގެ މައުލޫމާތެއް ފަހުން ލިބިފައިނުވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ 18 ވަނަ ކޭސްގެ ދެ ޓެސްޓު ހަދާފައިވާ ކަމަށާއި ނަމަވެސް އެމީހާ ދޫކޮށްލާނީ ތިންވަނަ ޓެސްޓެއް ހެދުމަށްފަހު ބަލި ނެތްކަން ޔަގީން ކުރުމަށްފަހު ކަމަށެވެ. އަދި ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭ އެމީހާގެ ތިންވަނަ ޓެސްޓު ހަދާނެ ކަމަށާއި ނަތީޖާ ނެގެޓިވް ވެއްޖެ ނަމަ އެމީހާ ދޫކޮށްލާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މުޅި ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް 19 އަށް ރާއްޖެއިން މިހާތަނަށް 128 މީހަކު ޕޮޒިޓިވް ވެފައިވާއިރު ހުރިހާ އެންމެންގެ ހާލުވެސް ރަނގަޅުކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. މުޅި ދުނިޔެއިން މިބަލި ޖެހުނު އަދަދު މިހާރު ވަނީ 2.8 މިލިއަނަށް އަރައިފައެވެ. އޭގެ ތެރެއިން އެއްލައްކައަށް ވުރެ ގިނަ މީހުން ވަނީ މިބަލީގައި ދުނިޔެ ދޫކޮށްފައެވެ.