ކުއްލި ޚަބަރު

މިހާރު މި ބަހައްޓާ ފިނިހޫނުމިނުގައި އަހަރަކާއި ދެހަރާ ދެމެދުގެ މުއްދަތަކަށް ކޮވިޑް ސާމްޕަލްތައް ބެހެއްޓޭނެ: މަބްރޫކް

މިހާރު މި ބަހައްޓާ ފިނިހޫނުމިނުގައި އަހަރަކާއި ދެހަރާ ދެމެދުގެ މުއްދަތަކަށް ކޮވިޑް ސާމްޕަލްތައް ބެހެއްޓޭނެ ކަމަށް ކޮވިޑް 19އާ ގުޅޭ މައުލޫމާތުދިނުމަށް ސަރުކާރުން ކަނޑައެޅި ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މަބްރޫކު ވިދާޅުވީ ސާމްޕަލްތައް ބެހެއްޓިފައި ހުންނަ އިރު، އެތަކެތި ބެހެއްޓިފައި ހުންނަ ގޮތް ވަރަށް ބޮޑަށް ބަލަން ޖެހޭ ކަމަށެވެ.

"ކިހާ ފިނިމިނެއްގައި ބެހެއްޓިފައި ހުރޭތޯ. އެ މޫވްކޮށް ހަދާ ވަރާއި އެތަކެތި ރަނގަޅަށް ގެންގުޅެވިފައި ހުންނަ ވަރު. އެހެން ބަލާއިރުގައި މައިނަސް 70 ޑިގްރީގައި ލެބޯޓަރީގައި މިތަކެތި ބަހައްޓަނީ. އެގޮތަށް ބަހައްޓާއިރު، އެއް އަހަރާއި ދެ އަހަރާ ދޭތެރޭގެ މުއްދަތަކަށް ސާމްޕަލްތައް ބެހެއްޓޭ،" އޭނާ ވިދާޅުވިއެވެ.

މަބްރޫކު ވިދާޅުވީ މިހާތަނަށް 5441 ސާމްޕަލް ނެގިފައިވާ ކަމަށާއި ޕޮޒިޓިވްވެފައިވަނީ 128 އަދި ނެގަޓިވްވެފައިވަނީ 5071 ސާމްޕަލް ކަމަށެވެ. އަދި ކުރެއްދޫ ސާމްޕަލްތަކުގެ ނަތީޖާތައް މިހާރު އަންނަ ފަށާފައިވާ ކަމަށާއި ލެބޯޓަރީގައި ކުރެއްދޫގެ ސާމްޕަލްތަކުގެ ތެރެއިން މިވަގުތު ބާކީ ހުރީ 158 ސާމްޕަލް ކަމަށް މަބްރޫކު ވިދާޅުވިއެވެ. އޭގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުން 84 ސާމްޕަލެއް ވެސް ލެބޯޓަރީގައި ހުރިކަން އޭނާ ފާހަގަކުރެއްވިއެވެ.