ގިނަ އަދަދެއްގެ ބަޔަކު ވެންޓިލޭޓަރަށް ލާން ޖެހުނަސް ބޭނުންވާ ވަރަށް ރާއްޖޭގައި އޮކްސިޖަން އެބަހުރި ކަމަށް ކޮވިޑް 19އާ ގުޅޭ މައުލޫމާތުދިނުމަށް ސަރުކާރުން ކަނޑައެޅި ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު ވިދާޅުވެއްޖެއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "ވަން" އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މަބްރޫކު ވިދާޅުވީ އޮކްސިޖަންގެ ކެޕެސިޓީ އިތުރުކުރަން ރާއްޖޭން ބޭރުން ގެންނަ ކަމަށެވެ.
"އެހެންވީމާ ބެކަޕެއްގެ ގޮތުގައި އެގޮތަށް ގެނެވޭ އޮކްސިޖަން ހުންނާނެ. ހަމަ ރާއްޖޭގައި މިހާރު ވެސް ރިފިލް ކުރާގޮތަށް ރިފިލްކުރުމުގެ މަސައްކަތްކުރެވޭނެ. އެހެންނަމަވެސް ކުއްލި ސާޖެއް އަންނަ ވަގުތެއްގައި ބޭނުންވާ ވަރަށް އޮކްސިޖަން ހުންނާނެ ގެނެސްފައި،" އޭނާ ވިދާޅުވިއެވެ.
މަބްރޫކު ވިދާޅުވީ ވެންޓިލޭޓަރުތައް ގެނައުމުގެ މަސައްކަތްތަކާއެކު ނޭޝަނަލް ރިކުވަޔަމަންޓް ލިސްޓެއް ހެދިފައި އޮންނާނެ ކަމަށާއި އެހެން ތަކެތި ވެސް ރާއްޖެ ގެންނަން ޖެހޭނީ ކިހާވަރަކަށްކަން އެ ލިސްޓުގައި ހިމަނާފައިވާނެ ކަމަށެވެ.
"އަޅުގަނޑުމެން ތިކަމުގައި ވެންޓިލޭޓާސްއާ ވެސް އެކީގައި އޮންނަނީ ނޭޝަނަލް ރިކުވަޔަމަންޓް ލިސްޓެއް. އޭގެ މާނައަކީ ރާއްޖޭގައި މިހާރު އަޅުގަނޑުމެން ފުރަތަމަ ހެދިފައި ހުރި އަންދާޒާތަކާ އެކީގައި އަޅުގަނޑުމެން ބަލަނީ އެއަށް ކޭޓާ ކުރުމަށްޓަކައި މި ހެދޭ އެނދުތައް. އަދި އެ އެނދުތަކަށް ބޭނުންވާ ތަކެތި ހަމަކުރާ އިރުގައި، ޑިސްޕެންސް ކަހަލަ އެހެން ތަކެތި ވެސް ކިހާ އަދަދަކަށްތޯ ރާއްޖެއަށް ގެންނަން ޖެހެނީ. އޭގައި ހުރޭ ބޭސް މިވެނި ވަރަކަށޭ، ސެނިޓައިޒާ މިވެނި ވަރަކަށޭ، އަންގި މިވެނި ވަރަކަށޭ ކޮންމެ މަހެއްގައި ބޭނުންވާނީ. ތި ވިދާޅުވާ ކަންތަކުގައި ބްރޭކްޑައުނެއް ހެދިފައި އޮވޭ." މަބްރޫކު ވިދާޅުވިއެވެ.
ކޮވިޑް 19 އަށް ޕޮޒިޓިވްވާ މީހުންގެ ހާލު ގޯސްވެއްޖެ ނަމަ، ބޭނުންކުރާނެ އިތުރު ވެންޓިލޭޓަރުތައް ހޯދުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ. ރާއްޖޭގެ އެކި ހޮސްޕިޓަލުތަކުގައި ހިމެނޭ ވެންޓިލޭޓަރުތަކާއެކު ރާއްޖޭގައި މިހާރު ޖުމްލަ 97 ވެންޓިލޭޓަރު އެބަހުއްޓެވެ. މިދިޔަ އާދީއްތަ ދުވަހު ރާއްޖެއަށް ގެނައި ހަ ވެންޓިލޭޓަރުގެ އިތުރުން ވެސް މި ހަފުތާގެ ތެރޭގައި އިތުރު ވެންޓިލޭޓަރުތަކެއް ރާއްޖެ އަންނާނެ ކަމަށް މީގެ ކުރިން ސަރުކާރުން ވަނީ ބުނެފައެވެ.