ކުއްލި ޚަބަރު

ފުލުހުންގެ ފޮރެންސިކުގައި ހުރި މެޝިނުން މިރޭ ކޮވިޑު ޓެސްޓުތައް ހަދަން ފަށަނީ

އައިދާ އަބްދުލް ހަކީމް

ފުލުހުންގެ ފޮރެންސިކުގައި ހުރި މެޝިނުން މިރޭ ކޮވިޑު 19 ޓެސްޓުތައް ހަދަން ފަށާނެ ކަމަށް ސަރުކާރުން ބުނެފިއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ) ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް 19އާ ގުޅޭ މައުލޫމާތުދިނުމަށް ސަރުކާރުން ކަނޑައެޅި ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު ވިދާޅުވީ ފުލުހުންގެ ފޮރެންސިކްގައި ބޭނުންކުރާ ޕީސީއާރު މެޝިނެއް ބޭނުން ކުރަން ހެލްތު މިނިސްޓްރީން ހުއްދަ ދީފައިވާ ކަމަށާއި އެ ހުއްދައާއެކު އެ މެޝިން ރަނގަޅަށް މަސައްކަތް ކުރޭތޯ ސާމްޕަލް ޓެސްޓުތަކެއް މިއަދު ހަދާފައިވާ ކަމަށެވެ.

މަބްރޫކް ވިދާޅުވީ ފުލުހުން ތިބީ މިކަމުގައި ވަރަށް ބޮޑަށް ތައްޔާރަށް ކަމަށާއި މިވަގުތަށް ހެލްތު މިނިސްޓްރީން ނިންމާފައިވާ ގޮތަކީ ދުވާލަކު 50 ޓެސްޓް ފުލުހުން ކުރާ ގޮތަށް ކަމަށެވެ. އަދި ރަނގަޅަށް ސްޓްރީމްލައިން ވުމުން އެމެޝިނުން ވެސް ޓެސްޓު އިތުރަށް ކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ޕޮލިހުގައި ފޮރެންސިކްގައި ބޭނުންކުރާ ޕީސީއާރު މެޝިނެއް ބޭނުން ކުރަން ހެލްތު މިނިސްޓްރީން ވަނީ ހުއްދަ ދީފައި. ދެން އެ ދިން ހުއްދައާއެކު މިއަދު އެބޭފުޅުން ވަނީ ފުލީ ފަންގްޝަނަލްކޮށް ސާމްޕަލް ޓެސްޓުތަކެއް ހަދާފައި. އަދި މިކަމުގައި ފުލްލޯޑެއް ނަގަން ތައްޔާރުވެގެން. ހެލްތު މިނިސްޓްރީން ޑިޒިޝަން މިކަމުގައި އޮތް ގޮތަކީ ފުލުހުން ދުވާލަކު ކުރާނީ 50 ޓެސްޓް،" މަބްރޫކް ވިދާޅުވިއެވެ.

މީގެ އިތުރުން މަބްރޫކް ވިދާޅުވީ އައިޖީއެމްއެޗްގައި މިހާރު ހުރި މެޝިން ބޭނުންކޮށްގެން ދުވާލަކު 250 އާއި 300 އާ ދެމެދު ޓެސްޓް ހަދާ ކަމަށާއި އަދި ފުލުހުންގެ ފޮރެންސިކް އިން ހަދާ 50 ޓެސްޓާއެކު މާދަމާ އިން ފެށިގެން ދުވާލަކު 350 ޓެސްޓް ކުރެވޭނެ ކަމަށެވެ. އަދި މިމަސް ނިމޭހާ ތާނގައި އައިޖީއެމްއެޗަށް މެޝިނެއް ގެންނާނެ ކަމަށާއި އޭގެ އިތުރުން ރާއްޖޭގެ އެހެން ސަރަހައްދުތަކުގައިވެސް ޓެސްޓުކުރުމުގެ އިންތިޒާމު ހަމަޖެއްސޭތޯ މަސައްކަތްކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.