އަތޮޅުތަކަށް ހާއްސަ ކާގޯ ފްލައިޓުތައް ބޭއްވުމަށް ހަމަޖައްސާފައިވާ ކަމަށާއި އެ ފްލައިޓުތަކުގައި ކަރަންޓީނުގެ މުއްދަތު ހަމަވާ މީހުންނަށް ރަށަށް ދެވޭނެ ކަމަށް ކޮވިޑް 19އާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައަޅާފައި ހުންނަ ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު ވިދާޅުވެއްޖެއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކު ވިދާޅުވީ އަތޮޅުތެރޭގެ ފިހާރަތަކަށް މުދާ ލިބުމުގައި ހުރި ދަތިތައް ހައްލުކުރުމަށް މޯލްޑިވިއަންގެ ކާގޯ ފްލައިޓުތަކެއް ރާއްޖޭގެ ހުރިހާ ޑޮމެސްޓިކް އެއާޕޯޓްތަކަށް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.
އެގޮތުން އެފަދަ ގިނަ ފްލައިޓުތަކެއް ބާއްވާނެ ކަމަށާއި އެ ފްލައިޓުތަކުގައި ރަށަކަށް ބޭނުންވާ މުދާ ގެންދިއުމުގެ ކަންތައް ރޭވިފައިވަނީ ކައުންސިލްތަކުން ރަށަށް ބޭނުންވާ އެއްޗެހީގެ ލިސްޓެއް ލޯކަލް ގަވަރުމަންޓް އޮތޯރިޓީއަށް ފޮނުވުމުން، ކަނޑައެޅިފައިވާ އިންތިޒާމުތަކެއްގެ ތެރެއިން ކަމަށް މަބްރޫކު ވިދާޅުވިއެވެ.
އޭގެ އިތުރުން ރާއްޖޭގެ ކަރަންޓީން ފެސިލިޓީތަކުގައި ކަރަންޓީނުގެ މުއްދަތު ފުރިހަމަކުރާ މީހުންނަށް ވެސް އެފްލައިޓުތަކުގައި ރަށަށް ދިއުމުގެ އިންތިޒާމުތައް ހަމަޖައްސާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.