ކުއްލި ޚަބަރު

ރާއްޖޭގައި 12 އަހަރުގެ ދިވެހި ފިރިހެން ކުއްޖަކުވެސް ކޮވިޑަށް ޕޮޒިޓިވްވެއްޖެ

ރާއްޖޭގައި 12 އަހަރުގެ ދިވެހި ފިރިހެން ކުއްޖަކުވެސް ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ ކޭސް 117 އަކީ ކުރިން ޕޮޒިޓިވްވި ކޭސް 28 އާއި 31ގެ 12 އަހަރުގެ ފިރިހެން ދަރިފުޅު ކަމަށެވެ.

"ކޭސް 117 އަކީ ވެސް އަޅުގަނޑުމެން ކުރީގެ ކްލަސްޓާއެއް، އެއީ އަޅުގަނޑުމެން ބީއާރުބީ ކްލަސްޓާ، އެއީ ކޭސް ނަންބަރު 28 އާއި 31ގެ ދަރިފުޅު. އެއީ 12 އަހަރުގެ ފިރިހެން ކުއްޖެއް،" އޭނާ ވިދާޅުވިއެވެ.

ކޭސް 28 އަކީ 48 އަހަރުގެ ފިރިހެނެކެވެ. އަދި އުމުރުން 38 އަހަރުގެ ކޭސް 31 އަކީ ކޭސް 28ގެ އަންހެނުންނެވެ. އެ އަންހެން މީހާއަކީ މާބަނޑު އަންހެނެކެވެ. އެ ދެމަފިރިންނާއެކު ޕޮޒިޓިވްވި ކޭސް 33 އަކީ ވެސް އެ ދެމީހުންގެ ދަރިއެކެވެ. އެއީ އެމީހުންގެ އަށް އަހަރުގެ ދަރިފުޅެވެ.

ޑރ. އަފްޒަލް ވިދާޅުވީ ކޭސް 111 އަކީ އިންޑިއާ މީހެއް ކަމަށާއި އަދި ކޭސް 112އަކީ ސްރީލަންކަގެ ހަތަރު އަހަރުގެ ކުއްޖެއް ކަމަށެވެ. އަދި އެ ހަތަރު އަހަރުގެ ކުއްޖާއަކީ ކުރީގެ ކްލަސްޓާއަކާ ގުޅިފައިވާ ތަނެއްގައި މަސައްކަތްކުރާ މީހެއްގެ ދަރިއެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އޭގެ ކުރިން ފެނުނު ހަތް ކޭސްގެ ތެރެއިން ކޭސް ނަންބަރު 111، މި ކޭސްއަކީ އަލަށް ފެނިފައިވާ ކްލަސްޓާއެއް. މިމީހާއަކީ އިންޑިއާ މީހެއް. ކްލަސްޓާގެ ތެރޭގައި ބަންގުލަދޭޝް މީހުން ވެސް އެބައުޅޭ. މިހާތަނަށް ކުރެވިފައިވާ ކޮންޓެކްޓް ޓްރޭސިން އިން 26 މީހުން މި ކޭސްއާ ގުޅިގެން ފެނިފައިވަނީ. މި ކޭސްއާ ގުޅިގެން އަދިވެސް ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރިއަށްދަނީ. ކޭސް ނަންބަރު 112 އަކީ ކުޑަކުއްޖެއް. އެއީ ސްރީލަންކާގެ ކުއްޖެއް. އެއީ އުމުރުން ހަތަރު އަހަރުގެ އަންހެން ކުއްޖެއް. މީނާއަކީ އަޅުގަނޑުމެން އެމްއެޗްގެ ކްލަސްޓާގެ ނަން ދެވިފައިވާ ކްލަސްޓާއާ ގުޅިގެން ފެނިފައިވާ ކޭސްއެއް. އެ ކްލަސްޓާއާ ގުޅިފައިވާ ތަނެއްގައި މަސައްކަތްކުރާ މީހެއްގެ ދަރިއެއް މިއީ،" އޭނާ ވިދާޅުވިއެވެ.

ޑރ. އަފްޒަލް ވިދާޅުވީ ކޭސް ނަންބަރު 113އަކީ އަންހެނެއް ކަމަށާއި އޭނާގެ ކޮންޓެކްޓް ޓްރޭސިން އިން ފާހަގަވެފައިވަނީ ހަމައެކަނި އޭނާ ދިރިއުޅޭ ގޭގައި އުޅޭ 27 މީހެއް ކަމަށެވެ. އަދި ކޭސް 114 އަކީ 60 އަހަރުގެ އަންހެނެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ކޭސް ނަންބަރު 113 އަކީ ވެސް އަންހެނެއް. މިއީ ޓީޗާ އެޑިއުކޭޓާއެއްގެ ގޮތުގައި މަސައްކަތްކުރާ ބޭފުޅެއް. މި ބޭފުޅާގެ ފަރާތުން އަޅުގަނޑުމެންނަށް ލިބުނު މައުލޫމާތުން ވަރަށް ރަނގަޅަށް ގޭގައި ކޮންފައިންވެގެން ހުރި ބޭފުޅަކަށް ވަނީ. މި ބޭފުޅާގެ ކޮންޓެކްޓްސްގެ ގޮތުގައި އަޅުގަނޑުމެންނަށް ފެނިފައިވަނީ އެ ގޭގައި އުޅުނު މީހުން އެކަނި. އެއީ ގާތްގަނޑަކަށް 27 މީހެއް. ކޭސް 114 އަކީ 60 އަހަރުގެ އަންހެނެއް. މީނާއަކީ ކޭސް 73އާ ގުޅިފައިވާ ކޭސްއެއް. އެގޮތުން އަޅުގަނޑުމެން ނަންދީފައިވާ ގޮތުން އާރްއައިއެސް ކްލަސްޓާއާ ގުޅިފައިވާ ކޭސްއެއް މިއީ،" އޭނާ ވިދާޅުވިއެވެ.

ޑރ. އަފްޒަލް އިތުރަށް ވިދާޅުވީ ކޭސް 115 އާއި 116 އަކީ ބަންގުލަދޭޝް މީހުން ހިމެނޭ ކްލަސްޓާއަކާ ގުޅިފައިވާ ދެ މީހުން ކަމަށާއި އެ ދެ މީހުންނަކީ ވެސް ބަންގުލަދޭޝް މީހުން ކަމަށެވެ.

"ކޭސް 115 އާއި 116 އާ މި ދެ ކޭސްއަކީ ވެސް އަޅުގަނޑުމެންގެ ކުރީގެ ކްލަސްޓާއަކާ ގުޅިފައިވާ ކޭސްއެއް. މިއީ އަޅުގަނޑުމެންގެ އެލްއެލްވައި ކްލަސްޓާ، އެއީ ބަންގުލަދޭޝް މީހުން ހިމެނޭ ކްލަސްޓާއެއް. މި ދެ މީހުންނަކީ ވެސް ބަންގުލަދޭޝްގެ ދެ މީހުން. މި އެންމެންނަކީ ކަރަންޓީނު ފެސިލިޓީތަކުގައި ނުވަތަ އައިސޮލޭޝަނުގައިވާ ބަޔަކަށްވާތީ އިތުރު އާ ކޮންޓެކްޓްތަކެއް ފެނިފައެއް ނުވޭ." އޭނާ ވިދާޅުވިއެވެ.