އަލީ ޔާމިން
ޓީޖެޓީން މުދާ ބަރުކޮށްގެން 44 ބޯޓު މިއަދު ފުރާފައިވާ ކަމަށާއި 43 ބޯޓެއް މުދާ ބަރުކުރަމުން އަންނަ ކަމަށް ކޮވިޑް 19އާ ގުޅޭ މައުލޫމާތުދިނުމަށް ސަރުކާރުން ކަނޑައެޅި ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު ވިދާޅުވެއްޖެއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ، ޓީޖެޓީންނާއި ނޯތު ހާބަރުން މުދާ ބަރުކޮށްގެން 63 ބޯޓެއް މިއަދު ފުރާފައިވާ ކަމަށެވެ.
"މިއަދު ނޯތު ހާބަރުން މުދާ ބަރުކޮށްގެން 19 ބޯޓަކުން ވަނީ ފުރާފައި. އަދި ހަމަ 21 ބޯޓަކުން އެ ޖެޓީގައި މުދާ ބަރުކުން އެބައޮތް. ޓީ ޖެޓީން 43 ބޯޓެއް ވަނީ މުދާ ބަރުކޮށްގެން ފުރާފައި. 44 ބޯޓެއް އެ ޖެޓީގައި މުދާ ބަރުކުރަން އައިސްފައި އެބައޮތް،" މަބްރޫކް ވިދާޅުވިއެވެ.
މަބްރޫކް ވިދާޅުވީ، ޓީޖެޓީގެ އިތުރުން ނޯތު ހާބަރުގައި މުދާ ބަރުކުރުމަށް އައިސް އޮންނަ ބޯޓުތަކަށް މުދާ ޑެލިވަރީކުރުމުގެ ކަންކަން ގާތުން ބަލަމުން އަންނަ ކަމަށާއި އަދި އެފަރާތްތަކަށް ދަތިވާ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ.
މީގެ އިތުރުން މަބްރޫކް ވިދާޅުވީ، މިއަދާ ހަމައަށް އަތޮޅުތެރެއިން އައިސްފައިވާ 29 އޯޑަރަކަށް އެސްޓީއޯއިން ޑެލިވަރީ ހަދާފައިވާ ކަމަށާއި އޭގެ ތެރޭގައި ކާޑުގެ ބާވަތްތަކާއި ބިސް އަދި ފިޔާ ހިމެނޭ ކަމަށެވެ.
އަތޮޅުތެރެއިން އުފައްދާ ތަކެތި މާލެ ގެނެސް ވިއްކޭނެ އިންތިޒާމުތައް މިހާރު ހަމަޖައްސާފައިވާނެ ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ. އެގޮތުން ސަރުކާރުން އެރަށެއްގެ ކައުންސިލްތައް މެދުވެރިކޮށް އެރަށެއްގައި އުފައްދާ ތަކެތި އެގްރޯނެޓް ކުންފުންޏަށް ވިއްކޭނެ ކަމަށް ވިދާޅުވިއެވެ.