ކުއްލި ޚަބަރު

ކަރަންޓީނު ފެސިލިޓީތަކުން 263 މީހަކު ދޫކޮށްލައިފި

އަލީ ޔާމިން

ކަރަންޓީނު ފެސިލިޓީތަކުން މިއަދު 263 މީހަކު ދޫކޮށްލައިފިއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް 19ގެ މައުލޫމާތުދިނުމަށް ސަރުކާރުން ކަނޑައަޅާފައި ހުންނަ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ކަރަންޓީން ފެސިލިޓީތަކަށް ގެންގޮސްފައިވާ މީހުންގެ ތެރެއިން 14 ދުވަހުގެ މުއްދަތު ހަމަކުރުމަށް ފަހު ޑަބަލް ނެގެޓިވްވި 263 މީހަކު ދޫކޮށްލެވިފައިވާ ކަމަށެވެ.

"މިއަދު ކަރަންޓީން ފެސިލިޓީތަކުން 14 ދުވަހުގެ މުއްދަތު ހަމަކުރުމަށް ފަހު ޑަބަލް ނެގެޓިވްވެ 263 މީހަކު ވަނީ ދޫކޮށްލެވިފައި،" މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ މިއަދާ ހަމައަށް ހޯމް އައިސޮލޭޝަންގައި 125 މީހަކު އަދި ކަރަންޓީން ފެސިލިޓީތަކުގައި 1329 މީހަކު އެބަތިބި ކަމަށެވެ.

ކޮވިޑް 19އިން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން ރާއްޖެއިން ބޭރުން އަންނަ އެންމެން 14 ދުވަހަށް ކަރަންޓީން ކުރަން ނިންމީ މިދިޔަ މަހުގެ ތެރޭގައެވެ. އަދި ކަރަންޓީން ފެސިލިޓީތަކުގައި ތިއްބައިވެސް ބައެއް މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

މާލެއިން އިތުރު 12 މީހަކު މިއަދު ބައްޔަށް ޕޮޒިޓިވްވެފައިވާއިރު ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިވަނީ 128އަށް އަރައިފިއެވެ.