އިތުރު 12 މީހަކު ޕޮޒިޓިވްވެ ރާއްޖޭގައި ކޮވިޑް 19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 128 އަށް އަރައިފިއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮވިޑް 19އާ ގުޅޭ މައުލޫމާތުދިނުމަށް ސަރުކާރުން ކަނޑައެޅި ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު ވިދާޅުވީ ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ އަދަދު 128 އަށް އަރާފައިވާ ކަމަށެވެ.
"މިއަދު މިހާތަނަށް އައި އިރުގައި ޖުމްލަ ޕޮޒިޓިވްވެފައިވާ ކޭސްތަކުގެ އަދަދު މިވަނީ 128އަށް އަރާފައި. މީގެ ތެރޭގައި މި ހިމެނެނީ 60 ދިވެހިންނާއި 68 ބިދޭސީން. މިހާތަނަށް 5441 ސާމްޕަލް ނެގިފައިވޭ. އަދި ނެގަޓިވްވެފައިވަނީ 5071 ސާމްޕަލް. ކުރެއްދޫ ސާމްޕަލްތަކުގެ ނަތީޖާތައް މިހާރު ވަނީ އަންނަން ފަށާފައި. މިގޮތުން ބާކީ މިވަގުތު ލެބޯޓަރީގައި ކުރެއްދޫގެ ސާމްޕަލްތަކުގެ ތެރެއިން ހުރީ 158 ސާމްޕަލް. ރާއްޖޭގެ އެކި ކަންކޮޅުތަކުން 84 ސާމްޕަލް ވެސް ހިމެނޭ،" އޭނާ ވިދާޅުވިއެވެ.
މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ މިއަދު ފެނިފައިވާ 18 ކޭސްގެ ތެރެއިން 11 ކޭސްއަކީ މިރޭ ފެނުނު ކޭސްތައް ކަމަށެވެ. އަދި ޑރ. އަފްޒަލް ވަނީ އަނެއް ހަތް ކޭސްގެ މައުލޫމާތު ހިއްސާކޮށްފައެވެ. އެގޮތުން ކޭސް 111 އަކީ އިންޑިއާ މީހެއް ކަމަށާއި އަދި ކޭސް 112އަކީ ސްރީލަންކަގެ ހަތަރު އަހަރުގެ ކުއްޖެއް ކަމަށް އޭނާ ވިދާޅުވިއެވެ.
"އޭގެ ކުރިން ފެނުނު ހަތް ކޭސްގެ ތެރެއިން ކޭސް ނަންބަރު 111، މި ކޭސްއަކީ އަލަށް ފެނިފައިވާ ކްލަސްޓާއެއް. މިމީހާއަކީ އިންޑިއާ މީހެއް. ކްލަސްޓާގެ ތެރޭގައި ބަންގުލަދޭޝް މީހުން ވެސް އެބައުޅޭ. މިހާތަނަށް ކުރެވިފައިވާ ކޮންޓެކްޓް ޓްރޭސިން އިން 26 މީހުން މި ކޭސްއާ ގުޅިގެން ފެނިފައިވަނީ. މި ކޭސްއާ ގުޅިގެން އަދިވެސް ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރިއަށްދަނީ. ކޭސް ނަންބަރު 112 އަކީ ކުޑަކުއްޖެއް. އެއީ ސްރީލަންކާގެ ކުއްޖެއް. އެއީ އުމުރުން ހަތަރު އަހަރުގެ އަންހެން ކުއްޖެއް. މީނާއަކީ އަޅުގަނޑުމެން އެމްއެޗްގެ ކްލަސްޓާގެ ނަން ދެވިފައިވާ ކްލަސްޓާއާ ގުޅިގެން ފެނިފައިވާ ކޭސްއެއް. އެ ކްލަސްޓާއާ ގުޅިފައިވާ ތަނެއްގައި މަސައްކަތްކުރާ މީހެއްގެ ދަރިއެއް މިއީ،" އޭނާ ވިދާޅުވިއެވެ.
ޑރ. އަފްޒަލް ވިދާޅުވީ ކޭސް ނަންބަރު 113އަކީ އަންހެނެއް ކަމަށާއި އޭނާގެ ކޮންޓެކްޓް ޓްރޭސިން އިން ފާހަގަވެފައިވަނީ ހަމައެކަނި އޭނާ ދިރިއުޅޭ ގޭގައި އުޅޭ 27 މީހެއް ކަމަށެވެ. އަދި ކޭސް 114 އަކީ 60 އަހަރުގެ އަންހެނެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"ކޭސް ނަންބަރު 113 އަކީ ވެސް އަންހެނެއް. މިއީ ޓީޗާ އެޑިއުކޭޓާއެއްގެ ގޮތުގައި މަސައްކަތްކުރާ ބޭފުޅެއް. މި ބޭފުޅާގެ ފަރާތުން އަޅުގަނޑުމެންނަށް ލިބުނު މައުލޫމާތުން ވަރަށް ރަނގަޅަށް ގޭގައި ކޮންފައިންވެގެން ހުރި ބޭފުޅަކަށް ވަނީ. މި ބޭފުޅާގެ ކޮންޓެކްޓްސްގެ ގޮތުގައި އަޅުގަނޑުމެންނަށް ފެނިފައިވަނީ އެ ގޭގައި އުޅުނު މީހުން އެކަނި. އެއީ ގާތްގަނޑަކަށް 27 މީހެއް. ކޭސް 114 އަކީ 60 އަހަރުގެ އަންހެނެއް. މީނާއަކީ ކޭސް 73އާ ގުޅިފައިވާ ކޭސްއެއް. އެގޮތުން އަޅުގަނޑުމެން ނަންދީފައިވާ ގޮތުން އާރްއައިއެސް ކްލަސްޓާއާ ގުޅިފައިވާ ކޭސްއެއް މިއީ،" އޭނާ ވިދާޅުވިއެވެ.
ޑރ. އަފްޒަލް އިތުރަށް ވިދާޅުވީ ކޭސް 115 އާއި 116 އަކީ ބަންގުލަދޭޝް މީހުން ހިމެނޭ ކްލަސްޓާއަކާ ގުޅިފައިވާ ދެ މީހުން ކަމަށާއި އެ ދެ މީހުންނަކީ ވެސް ބަންގުލަދޭޝް މީހުން ކަމަށެވެ.
"ކޭސް 115 އާއި 116 އާ މި ދެ ކޭސްއަކީ ވެސް އަޅުގަނޑުމެންގެ ކުރީގެ ކްލަސްޓާއަކާ ގުޅިފައިވާ ކޭސްއެއް. މިއީ އަޅުގަނޑުމެންގެ އެލްއެލްވައި ކްލަސްޓާ، އެއީ ބަންގުލަދޭޝް މީހުން ހިމެނޭ ކްލަސްޓާއެއް. މި ދެ މީހުންނަކީ ވެސް ބަންގުލަދޭޝްގެ ދެ މީހުން. މި އެންމެންނަކީ ކަރަންޓީނު ފެސިލިޓީތަކުގައި ނުވަތަ އައިސޮލޭޝަނުގައިވާ ބަޔަކަށްވާތީ އިތުރު އާ ކޮންޓެކްޓްތަކެއް ފެނިފައެއް ނުވޭ،" އޭނާ ވިދާޅުވިއެވެ.
އޭގެ އިތުރުން ކޭސް 117 އަކީ ކުރިން ޕޮޒިޓިވްވި ކޭސް 28 އާއި 31ގެ 12 އަހަރުގެ ފިރިހެން ދަރިފުޅު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ކޭސް 28 އަކީ 48 އަހަރުގެ ފިރިހެނެކެވެ. އަދި އުމުރުން 38 އަހަރުގެ ކޭސް 31 އަކީ ކޭސް 28ގެ އަންހެނުންނެވެ. އެ އަންހެން މީހާއަކީ މާބަނޑު އަންހެނެކެވެ. އެ ދެމަފިރިންނާއެކު ޕޮޒިޓިވްވި ކޭސް 33 އަކީ ވެސް އެ ދެމީހުންގެ ދަރިއެކެވެ. އެއީ އެމީހުންގެ އަށް އަހަރުގެ ދަރިފުޅެވެ.