ކުއްލި ޚަބަރު

އިމަޖެންސީ ހާލަތުގައި ވެސް އެއްޗެހި މި ގަންނަނީ ގާނޫނާއި ގަވައިދާ އެއް ގޮތަށް: ފިނޭންސް މިނިސްޓަރު

އަލީ ޔާމިން

1

އިމަޖެންސީ ހާލަތުގައި ވެސް އެއްޗެހި މި ގަންނަނީ ގާނޫނާއި ގަވައިދާ އެއް ގޮތަށް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީގައި) މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަމީރު ވިދާޅުވީ، ކޮވިޑް 19ގެ ސަބަބުން ރާއްޖެއަށް ވަމުން އަންނަ ގެއްލުންތައް ކުޑަކުރުމަށް ރާއްޖެއަށް ވަރަށް ގިނަ ތަކެތި ގެންނަން ޖެހޭ ކަމަށާއި އެކަމަށް ބޮޑު ހަރަދެއް ހިނގާ ކަމަށެވެ. އަދި މިހާލަތުގައި ކުރާ ކޮންމެ ހަރަދެއް ކުރަނީ ގާނޫނާއި ގަވައިދާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.

"37 ބިލިއަން ރުފިޔާ އަޅުގަނޑުމެންނަށް ބަޖެޓުގައި މިއޮތީ. އެ ބަޖެޓުގައި ހުރި ވަރަށް ގިނަ ކަންކަމެއް މިހާރު ހާލަތު ހުރި ގޮތުން އަޅުގަނޑުމެންނަށް ނުކުރެވޭނެ. އެހެންކަމުން ވަރަށް ގިނަ ކަންކަން އަޅުގަނޑުމެން މަދުކުރަމުންދާނެ. އޭގައި ހުރި އެހެން ހަރަދުތަކެއް އަޅުގަނޑުމެން ކުރާނީ. އިތުރަށް އަޅުގަނޑުމެން ކުރާނީ ހެލްތު ސެކްޓާއަށް އަޅުގަނޑުމެން ކުރަން ޖެހޭ ހަރަދުތައް. އެއީވެސް ގާނޫނުގެ ތެރެއިން ކުރާ ކަމެއް،" މިނިސްޓަރު އަމީރު ވިދާޅުވިއެވެ.

ހަރަދު ކުރުމުގައި އެއީ ކޮންމެހެން ކުރަން ޖެހޭ ހަރަދެއްތޯއާއި އެއީ އެންމެ އަގުހެޔޮކޮށް އެކަން ކުރެވޭނެ ގޮތް ބަލާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ، މިހާރު އެންމެ ބޮޑު އިސްކަމެއް ދެނީ ބޭރުގެ ހިލޭ އެހީ ހޯދުމަށް ކަމަށާއި އެގޮތުން މިހާރުވެސް ބޭރުގެ މާލީ އިދާރާތަކުން ހިލޭއެހީގެ ގޮތުގައި ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމަށެވެ.

ކޮވިޑް 19ގެ ބަލި މީހުންނަށް ފަރުވާދިނުމަށްޓަކައި ސަރުކާރުން އަންނަނީ ވަސީލަތްތައް އިތުރުކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން ހުޅުމާލޭގައި ވަނީ 300 އެނދުގެ ފެސިލިޓީއެއް ގާއިމުކުރަން ފަށައިފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟