ކުއްލި ޚަބަރު

ސަރުކާރުން ގައުމުގައި ފައިސާ ދައުރުކުރުވަން އެބަ ޖެހޭ، އެހެން ނޫންނަމަ އިގްތިސޯދު އިތުރަށް ގޯސްވާނެ: އަމީރު

ސަރުކާރުން ގައުމުގައި ފައިސާ ދައުރުކުރުވަން އެބަ ޖެހޭ ކަމަށާއި އެހެން ނޫންނަމަ އިގްތިސޯދު އިތުރަށް ގޯސްވާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ އިގްތިސާދީ ހާލަތާބެހޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު މިއަދު ވިދާޅުވީ، ކޮވިޑް 19 އާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ބޮޑު ލޮޅުމެއް އައިސްފައިވާ ކަމަށެވެ.

އެހެންކަމުން މި ދަނޑިވަޅުގައި ގައުމުގެ އިގުތިސާދުގެ މުހިންމު ބަހާތައް ދެމެހެއްޓުމަށް ފިޔަވަޅުތައް އަޅަންޖެހޭ ކަމަށާއި، އެ ފިޔަވަޅުތައް އެޅުމަށް ފަސް ޖެހުމަކީ އިގްތިސާދީ މުސްތަގުބަލަށް ދެވޭނެ ގެއްލުމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ގައުމުގެ އިގުތިސާދުގެ މުހިންމު ބަހާތައް ދެމެހެއްޓުމަށް ސަރުކާރުން ގައުމުގައި ފައިސާ ދައުރުކުރުވަން އެބަ ޖެހޭ ކަމަށާއި އެހެން ނޫންނަމަ އިގްތިސޯދު އިތުރަށް ގޯސްވާނެ ކަމަށެވެ.

ނަމަވެސް މިނިސްޓަރު ވިދާޅުވީ، މި ދަނޑީވަޅުގައި ދއުލަތުގެ ކޭޝްފްލޯއަށްވެސް ބޮޑު ޝޮކެއް ލިބިފައިވާ ކަމަށެވެ.

ކޭޝްފްލޯ ހަމަޖައްސަން އެކިއެކި ފިޔަވަޅުތައް އަޅަމުން ދާކަން ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވީ، އޭގެ ތެރޭގައި އެންމެ މުހިއްމު އެންމެ ބޮޑުކަމަކަށް ފާހަގަ ކޮށްލެވެނީ، ދައުލަތުގެ ހަރަދު ކުޑަކުރުމަށް އަޅާ ފިޔަވަޅުތައް ކަމަށެވެ.

އޭގެ އިތުރުން ބޭރުގެ ހިލޭ އެހީ ހޯދުމާއި، ޓީބިލް ވިއްކައިގެން ދައުލަތަށް ފައިސާ ހޯދުން ހިމެނޭ ކަމަށްވެސް ވިދާޅުވިއެެވެ.

މިނިސްޓަރު ވިދާޅުވީ، ކޭޝްފްލޯ ހަމަޖެއްސުމަށް އަޅަން ހުށަހަޅާފައިވާ އެއް ފިޔަވަޅަކީ ޕަބްލިކް ބޭންކް އެކައުންޓް އޯވަޑްރޯކުރެވޭ ލިމިޓް އިތުރުކުރުން ކަމަށެވެ.

އެކަމަށްއެދި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، މިހާލަތުގައި އެމެޖެންސީކޮށް، ސިއްހީ އަދި ކާރިސާ މެނޭޖް ކުރުމަށާއި، އިގްތިސާދު އަނދަވަޅަކަށް ވެއްޓުނަނުދީ ހިފޭއްޓުމަށް ކުރަންޖެހޭ ހަރަދުތައް ކޮންމެހެންވެސް ކުރަންޖެހޭ ކަމަށެވެ.