ޖީ20ގެ ގައުމުތަކުން ދަރަނި ލުއިކުރުމަށް އޮތް ފުރުސަތަށް ސަރުކާރުން ހުށަހަޅާނެ ކަމަށާއި އެކަން ކާމިޔާބުވެއްޖެނަމަ ހަތަރު ބިލިއަން ސަލާމަތްކުރެވޭނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ، ކޮވިޑާ ގުޅިގެން ދައުލަތަށް އާމްދަނީގެ ގޮތުގަ އާއި ފައިނޭންސިންގެ ގޮތުގައި ވަންނަ ފައިސާ އިންތިހާއަށް މަދުވެފައިވުމާއެކު، ކުރުމުއްދަތުގައި ދައުލަތުގެ ކޭޝްފްލޯއަށް ބޮޑެތި ބަދަލެއް އައިސްފައިވާ ކަމަށެވެ.
ދައުލަތުގެ ކޭޝްފްލޯއަށް ދިމާވެފައިވާ ބޮޑު ޝޮކު ހަމަޖެއްސުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މިމަހުގެ 15 ވަނަ ދުވަހު ވިޔަފާރީގެ ގޮތުން އެންމެ ވަރުގަދަ 20 ގައުމު (ޖީ20) އިން ދޭން ފާސްކުރި ޑެޓް ރިލީފް މޮރެޓޯރިއަމް ހޯދުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"މިގޮތަށް ޑެޓް މޮރިޓޯރިއަމެއް ލިބިއްޖެނަމަ މިއަހަރުގެ ތެރޭގައި ގާތްގަނޑަކަށް ހަތަރު ބިލިއަނެއްހާ ރުފިޔާ ސަލާމަތްކުރެޥޭނެ ކަމަށް. ޑެޓް ސާވިސްއަށް އެހެން ނޫންނަމަ ހަރަދުކުރަންޖެހޭ ހަތަރު ބިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް އަންދާޒާކުރެވޭ. އޭގެ މާނައަކީ އަޅުގަނޑުމެންގެ ޖުމްލަ ހަރަދު އަހަރު ނިމޭއިރު ހުންނާނީ ގާތްގަނޑަކަށް 25 މިލިއަނެއްހާ ރުފިޔާގައި،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އަމީން އިތުރަށް ވިދާޅުވީ، ކޭޝްފްލޯ ހަމަޖެއްސުމަށް ބޭރުގެ ހިލޭ އެހީ އާއި ލޯނު ހޯދުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން 233.39 މިލިއަން އެމެރިކާ ޑޮލަރު ލިބޭނެ ކަމަށް ލަފާކުރެވިފައިވާ ކަމަށެވެ.
މި އެހީތަކުގެ ތެރެއިން ވޯލްޑު ބޭންކުން ދޭން ނިންމާފައިވާ 30.10 މިލިއަން ޑޮލަރަކީ 50 ޕަސެންޓް ހިލޭ އެހީ އަދި 50 ޕަސެންޓް ލޯނުގެ ގޮތުގައި ދޭ ފައިސާއެވެ. އަދި އެ ފައިސާގެ ތެރެއިން 10 މިލިއަން އެމެރިކާ ޑޮލަރު މިހާރު ވަނީ ރާއްޖެއަށް ލިބިފައެވެ.
އޭގެ އިތުރުން އައިޑީބީން ދޭން ނިންމާފައިވާ 27.60 މިލިއަން ޑޮލަރުގެ ލޯނަކީ 51 ޕަސެންޓް ހިލޭ އެހީ އަދި 49 ޕަސެންޓް ލޯނުގެ ގޮތުގައި ދޭން ނިންމާފައިވާ ފައިސާއެވެ. އަދި ސާކް ޑިވެލޮޕްމަންޓް ފަންޑުން 1.5 މިލިއަން ޑޮލަރު ހޯދަން މަސައްކަތް ކުރަމުން އަންނަނީ ހިލޭ އެހީގެ ގޮތުގައެވެ.
ދެން ފައިސާގެ އެހީ ދޭން ނިންމާފައިވާ ފަރާތްތަކުން ދީފައިވަނީ 100 ޕަސެންޓް ލޯނުގެ ގޮތުގައެވެ.