ވަޒީފާ ނެތި މިވަގުތު ތިބި މީހުންގެ ޖުމުލަ އަދަދު އެނގޭނެ ތަފާސް ހިސާބެއް ނެތް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ރާއްޖޭގައި ވަޒީފާއަދާނުކޮށް އުޅެނީ ކިހާ މީހުންނެއްކަން ފެންނަން އޮތް ރަސްމީ އެއްވެސް ތަފާސްހިސާބެއް ނެތް ކަމަށެވެ.
ނަމަވެސް ކޮވިޑާ ގުޅިގެން ވަޒީފާއިން ވަކިކުރަމުން އަންނަ މީހުންނާއި ނޯ ޕޭއަށް ދޫކުރަމުން އަންނަ މުވައްޒަފުން އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީވާން ހުޅުވާލާފައިވާނެ ކަމަށް ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، ވަޒީފާއިން ވަކިކުރާ މީހުންގެ އަދަދު ނުވަތަ ވަޒީފާ ނެތް މީހުންގެ އަދަދު ބޮޑުތަނުން އިތުރުވާނެކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ފާއިތުވި ހަފްތާތަކުގެ ތެރޭގައި ވަޒީފާއިން ވަކިކުރުމާއި ނީ ޕޭލީވް ނެގުމަށް މަޖުބޫރުކުރުވުމާއި މުސާރަ ކުޑަކުރުމުގެ ގިނަ ޝަކުވާތަކެއް ޖޮބް ސެންޓަރުތަކަށް ލިބެމުން އައިސްފައިވާ ކަމަށެވެ.
އެ ފަރާތްތަކަށް ދައުލަތުން ވަނީ ތިން މަސް ވަންދެން ހާއްސަ އެލަވެންސެއް ދިނުމަށް ވެސް ނިންމައިފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީއަށް މައުލޫމާތު ދެއްވަމުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އިއްޔެ ވަނީ، ކޮވިޑާ ގުޅިގެން ވަޒީފާއަށް ބަދަލެއް ގެނެސްފައިވާ މީހުންނަށް މާލީ އިނާޔަތެއްގެ ގޮތުގައި އެޕްރީލް، މެއި އަދި ޖޫން މަހު 5000 ރުފިޔާ ދޭން ނިންމާފައިވާ ކަމަށެވެ.
ނަމަވެސް ހާލަތަށްބަލައި އެ އިނާޔަތް ދޭ މުއްދަތު އިތުރު ކުރެވިދާނެ ކަމަށް ވިދާޅުވިއެވެ.