ކުއްލި ޚަބަރު

އިންފްލޭޝަނަށް އަދި އެކްސްޗޭންޖް ރޭޓަށް ބަދަލެއް އަންނާނެ ކަމަކަށް އަދި ނުބެލެވޭ: ފިނޭންސް މިނިސްޓަރު

އިންފްލޭޝަނަށް އަދި އެކްސްޗޭންޖް ރޭޓަށް ބަދަލެއް އަންނާނެ ކަމަކަށް އަދި ނުބެލެވޭ ކަމަށް ފިނޭންސް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ފިނޭންސް މިނިސްޓަރު މިދިޔަ ބުދަ ދުވަހު ވަނީ، ކޮވިޑް 19 އާގުޅިގެން ދިމާވެފައިވާ އިގްތިސާދީ ދަތިކަމުގެ ސަބަބުން ދައުލަތުން ހަރަދުކުރުމަށް މަރުކަޒީ ބޭންކުން އިތުރަށް ފައިސާ ނެގުމަށް ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ ބައެއް މާއްދާތަކަށް އަމަލު ކުރުން އަހަރު ދުވަހުގެ މުއްދަތަށް އިސްތިސްނާކުރުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފައެވެ.

އޭގެ ސަބަބުން އިންފްލޭޝަނާއި އެކްސްޗޭޖު ރޭޓަށް އަސަރު މަތިވާނެ ނޫންތޯ ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަމީރު ވިދާޅުވީ، މަރުކަޒީ ބޭންކުން ދަރަންޏަށް ފައިސާ ނެގޭނީ ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ ދަށުން މިދިޔަ ތިން އަހަރުގެ ޖުމަލް އާމްދަނީގެ އެއް ޕަސެންޓް ކަމަށެވެ އެއީ 220 މިލިއަން ރުފިޔާ ކަމަށެވެ.

ނަމަވެސް ކޮވިޑާ ގުޅިގެން މިހާރު އަންދާޒާކުރާ ކޭޝްފްލޯ މެނޭޖްކުރުމަށްޓަކައި ވެސް ހުރި ދަތިތަކާއެއްކޮށް 220 މިލިއަނަކީ އެކަށީގެންވާ މިންވަރެއް ނޫން ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، މިހާލަތުގައި އިގްތިސާދަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ބޭރުން ހޯދަން މަސައްކަތްކުރާ ހިލޭ އެހީ އާއި ލޯނު އަދި ސުކޫކު ވިއްކައިގެން ލިބޭ ފައިސާ ލިބުމަށް ވަގުތު ނަގާނެ ކަމަށާއި ނަމަވެސް އެ ފައިސާ ލިބެންދެން ވެސް ސަރުކާރުން ކުރަންޖެހޭ ހަރަދުތައް ކުރަމުން ގެންދަންޖެހޭ ކަމަށެވެ.

"ބޭރުން ފައިސާތަކެއް ހޯދަން މަސައްކަތްތަކެއް އެބަކުރަން. އޭގެ މާނައަކީ މިސާލަކަށް 500 މިލިއަން ރުފިޔާއިން އޯޑީވެފައި އިންނަމަ އިތުރަށް ބޭރުން ފައިސާ ގެނެސް ޕަބްލިކް ބޭންކުގެ އެކައުންޓަށް ޖަމާކުރާ ހިސާބުން ވަގުތުން އެ ޕޮޒިޓިވްވެގެންދާނެ. އެއީ އޮޓޮމެޓިކް މޮޕިންއަޕްއެއް. އެއީ ޗާޕުކުރުމެއް ނޫން. ޗާޕުކުރުމުގެ މާނައަކީ ފައިސާ ޖަހާފައި ސަރުކާރަށް ހަރަދުކުރަން ދިނުން،" މިނިސްޓަރު ވިދާޅުވިއެވެ.

އަމީރު އިތުރަށް ވިދާޅުވީ، މަރުކަޒީ ބޭންކުން އިތުރަށް ފައިސާ ނެގުމަށްފަހު ފައިސާ މިދޫކުރަނީ ސިއްހަތަށް ކުރަންޖެހޭ ކަންކަމަށާއި ހިނގަމުންދާ މަޝްރޫއުތަކަށް ފައިސާ ދޫކުރުމަށް އަދި މުސާރަ ދިނުމަށް ކަމަށެވެ.

"އޭގެ ސަބަބުން (މަރުކަޒީ ބޭންކުން އިތުރަށް ފައިސާ ނަގައިގެން) އިގްތިސާދަށް އިތުރު ލޮޅުންތަކެއް އައިސްދާނެ ކަމަކަށް ނުބެލެވޭ. އިގްތިސާދަށް ލޮޅުންތަކެއް އަންނާނެ ކަމަށް ބެލެވެނީ މިސާލަކަށް މީހަކު ސުވާލުކުރަނީ އިންފްލޭޝަން ނުވަތަ އެކްސްޗޭންޖު ރޭޓަށް. އަޅުގަނޑުމެން ގަބޫލެއް ނުކުރަން މިހާރު އިންފްލޭޝަނަށް އިތުރަށް ގޯސްވެގެންދާނެ ކަމަކަށް. އެކްސްޗޭންޖު ރޭޓަށް އަންނަ ލޮޅުންތައް އިތުރަށް މިޓިގޭޓް ވެގެންދާނެ ބޭރުގެ ފައިސާ ގެންނަ މިންވަރަކުން އޭތި ހަމަ ކުޑަވެގެންދާނެ،" މިނިސްޓަރު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހަށް ފިނޭންސް މިނިސްޓަރު މިދިޔަ ބުދަ ދުވަހު ފޮނުވި ލިޔުމުގައި ބުނެފައިވަނީ، ދައުލަތަށް އާމްދަނީގެ ގޮތުގައާއި ފައިނޭންސިންގެ ގޮތުގައި ވަންނަ ފައިސާ އިންތިހާއަށް މަދުވެފައިވުމާއެކު ކުރުމުއްދަތުގައި ދައުލަތުގެ ކޭޝްފްލޯ މެނޭޖްކުރުމަށްޓަކައި އިތުރު ފައިސާ ހޯދޭނެ ގޮތްތައް ހޯދަން ޖެހިފައިވާ ކަމަށެވެ.

އެގޮތުގެ މަތިން، ތިން މަހަށް ދައުލަތުގެ ހިދުމަތްތައް ދަމަހައްޓައި، ސިއްހީ ހިދުމަތްތަކަށް ބޭނުންވާ ހޭދަތައްކޮށް، އިގްތިސާދީ ގޮތުން އާއިލާތަކަށް ބޭނުންވާ އަސާސީ ކަންކަން ފުއްދޭ މިންވަރު ކަށަވަރުކުރުމަށް އެންމެ މަދުވެގެން 4.2 ބިލިއަން ރުފިޔާގެ ފައިނޭންސިން ބޭނުންވާ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.