އަލީ ޔާމިން
އޯވާޑުރާފްޓް (އޯޑީ)ގެ ގޮތުގައި ފައިސާ ނެގޭ މިންވަރު އިތުރު ކުރުމަކީ ހާލަތަށް ބަލައި ދުނިޔޭގެ ހުރިހާތަނެއްގައި ވެސް ކުރާކަމެއް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަމީރު ވިދާޅުވީ، ކޮވިޑުގެ ސަބަބުން ރާއްޖޭގެ ކޭޝް ފްލޯއަށް ކޮށްފައިވާ ނޭދެވޭ އަސަރުން އަރައިގަތުމަށް ގިނަ މަސައްކަތްތަކެއް އެބަކުރެވޭ ކަމަށެވެ. އެގޮތުން ބޭރުގެ ލޯނު އެހީއާއި ހިލޭ އެހީގެ އިތުރުން ރާއްޖޭގެ އެތެރެއިން ފައިސާ ހޯދޭނެ ގޮތްތައް ބަލަމުން އަންނަ ކަމަށް ވިދާޅުވިއެވެ.
މިނިސްޓަރު އަމީރު ވިދާޅުވީ، ކޭޝްފްލޯ ރަނގަޅު ކުރުމަށް ކުރެވޭނެ އެއްކަމަކީ ޕަބްލިކް އެކައުންޓް އޯވަޑްރާފްޓް ކުރެވޭ ލިމިޓް އިތުރުކުރުން ހިމެނޭ ކަމަށެވެ.
ދައުލަތުގެ ހަރަދަށް ޒިންމާވާ ގާނޫނުގެ ދަށުން ޕަބްލިކް އެކައުންޓް އޯވަޑްރާފްޓް ކުރެވޭނީ ތިން އަހަރުގެ އެވްރެޖު އާމްދަނީގެ އެއް އިންސައްތައާ ހަމައަށެވެ. އެއީ ގާތްގަނޑަށް 220 މިލިއަން ރުފިޔާއެވެ. ނަމަވެސް މިހާރު މި ދިމާވެފައިވާ ހާލަތާއެކު ޕަބްލިކް އެކައުންޓް އޯވަޑްރާފްޓް ކުރެވޭ ލިމިޓް އިތުރުކުރުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށާއި އެގޮތުން ދުނިޔޭގެ އެހެން ގައުމުތަކުވެސް އެގޮތަށް އަމަލު ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"ވިޔަފާރިއަށް އިތުރަށް ބޭނުންވެއްޖެ ނަމަ އޯޑީ ފެސިލިޓީ ހަމަ ބޭންކުތަކުން އިތުރުކުރުމަކީ ވެސް ކުރަމުން އަންނަ ކަމެއް. އެހެންކަމުން ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި ސެންޓްރަލް ބޭންކްގައިވެސް ހުންނަ އޯޑީ ފެސިލިޓީސް އިތުރުކުރަމުން އެބަ ގެންދޭ. ވަރަށް ފަހުން ބޭންކް އޮފް އިންގްލެންޑްގައިވެސް އެ ފެސިލިޓީ އިތުރުކޮށްފައިވަނީ،" މިނިސްޓަރު ވިދާޅުވިއެވެ.
ޕަބްލިކް އެކައުންޓް އޯވަޑްރާފްޓް ކުރުމަކީ ފައިސާޖެހުމެއް ނޫން ކަމަށާއި އަދި އެއީ ބްލޭންކު ޗެކެއް ދިނުމެއް ނޫން ކަމަށްވެސް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވިއެވެ.
މިނިސްޓަރު އަމީރު ވިދާޅުވީ ދައުލަތުގެ ހަރަދުތައް ކުޑަކުރަނީ މަޖިލީހުން މިއަހަރަށް ފާސްކޮށްފައިވާ ބަޖެޓުގެ ތެރެއިން ކަމަށެވެ. އެގޮތުން ކޮވިޑްގެ ސަބަބުން ބަޖެޓުގައި ހިމަނާފައިވާ ގިނަ މަޝްރޫއުތައް މިހާރު ކުރިއަށް ނުގެންދެވޭނެ ކަމަށް ވިދާޅުވިއެވެ.
މަޖިލީހުން މިއަހަރަށް ފާސްކޮށްފައިވަނީ 37 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މިނިސްޓަރު ވަނީ މިހާލަތާ ގުޅިގެން ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހަޅަން ޖެހިއްޖެނަމަ އެކަންވެސް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.