ކުއްލި ޚަބަރު

މިހާރު އަންދާޒާކޮށްފައި ވަނީ ޖުލައި ހިސާބު ކޮންމެވެސް ވަރަކަށް ޓޫރިސްޓުން އަންނަން ފަށާނެ ކަމަށް: މިނިސްޓަރު

އަލީ ޔާމިން

މިހާރު އަންދާޒާކޮށްފައިވާ ގޮތުން ޖުލައި ހިސާބު ކޮންމެ ވެސް ވަރަކަށް ޓޫރިސްޓުން އަންނަން ފަށާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު(އެންއީއޯސީ)ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަމީރު ވިދާޅުވީ، ކޮވިޑާ ގުޅިގެން އެންމެ ބޮޑު ހީނަރުކަމެއް އައިސްފައިވަނީ ފަތުރުވެރިކަމުގެ ސިނާއަތަށް ކަމަށެވެ. އަދި ހަ ސިނާރިއޯއެއްގައި ރާއްޖޭގެ އިގުތިސާދަށް ކުރާނެ އަސަރު ފިނޭންސުން އެކުލަވާލާފައިވާ ކަމަށެވެ. އެގޮތުން ސިނާރިއޯ ތިނެއްގައި ގައުމީ އުފެއްދުންތެރިކަން 11.5 އިންސައްތަ ދަށްވާނެ ކަމަށާއި އެ ހާލަތުގައި ރާއްޖެއަށް އަންނާނީ އަށް ލައްކަ ފަތުރުވެރިން ކަމަށް މިނިސްޓަރު އަމީރު ވިދާޅުވިއެވެ.

މިނިސްޓަރު އަމީރު ވިދާޅުވީ ޖުލައި، އޮގްސްޓް އަދި ސެޕްޓެމްބަރު މަހުގެ ތެރޭގައި ރާއްޖޭގެ އެތެރޭގައި ބަލި ކޮންޓްރޯލް ކުރެވި، ދުނިޔޭގެ އެހެން ގައުމުތަކުގައި ބަލި ކޮންޓްރޯލް ކުރެވިއްޖެނަމަ ޑިސެމްބަރު މަހުގެ ތެރޭގައި ރާއްޖެއަށް ގަވައިދުން ފަތުރުވެރިން ގެނެވިދާނެ ކަމަށެވެ. މެއި މަހާއި ޖޫން މަހުގެ ތެރޭގައި ކޮންމެވެސް ވަރަކަށް ބަލި ފެތުރުން ކޮންޓްރޯލް ކުރެވިއްޖެނަމަ ބޯޑަރުތައް ނުހުޅުވިޔަސް ކޮންމެވެސް ވަރަކަށް ފަތުރުވެރިން ގެނެވިދާނެ ކަމަށް މިނިސްޓަރު އަމީރު ވިދާޅުވިއެވެ.

"މިހާރު އަޅުގަނޑުމެން އަންދާޒާކޮށްފައި މިވަނީ މެއި، ޖޫން، ޖުލައި މަހުގައި ކޮންމެވެސް ވަރެއްގެ ނޯމަލްސީއެއް އައިސްފައި ގާތްގަނޑަކަށް އޮކްޓޯބަރު، ޑިސެންބަރުގެ ހިސާބުގައޭ ރާއްޖެއަށް މީހުން އަންނަން ފަށާނީ. އަދި ޖުލައި، އޮގަސްޓް، ސެޕްޓެމްބަރުގައި ދެ ތިންމަހު ކޮންމެވެސް ވަރަކަށް އަޅުގަނޑުމެންނަށް އެތެރޭގައިވެސް ބަލި ކޮންޓްރޯލް ކުރެވި އަދި ދުނިޔޭގެ އެހެނިހެން ގައުމުތަކުގައި ބަލި ކޮންޓްރޯލް ކުރެވި، އަދި މިހާރުވެސް އެބަ ފާހަގަކުރެވޭ ބަލި ކޮންޓްރޯލް ކުރުމުގައި ކާމިޔާބީތަކެއް ހޯދައިފައިވާ ގައުމުތަކެއް. އެހެންކަމުން ކޮންމެވެސް ވަރަކަށް އަޅުގަނޑުމެންނަށް މި ހުޅުވާލެވިދާނެއޭ އޮކްޓޯބަރު، ނޮވެންބަރު، ޑިސެންބަރާ ހަމައަށް ދާއިރު، އެހެންކަމުން ޖުލައި މަހާ ހަމައަށްދާއިރު ކޮންމެވެސް ވަރެއްގެ އީޒްތަކެއް އެތެރޭގައާ އަދި އަޅުގަނޑުމެންގެ އެއާޕޯޓު ނުހުޅުވިޔަސް އަޅުގަނޑުމެންނަށް ދެވެން ފަށާނެއޭ. އެހާ ހިސާބުން ކޮންމެވެސް ވަރަކަށް މީހުން އައިސް ސިނާރިއޯ ތިނެއްގެ އެ އަންޒާދާތަކަށް ވާސިލްވެވޭނެއޭ.” މިނިސްޓަރު އަމީރު ވިދާޅުވިއެވެ.

ކޮވިޑް 19ގެ ސަބަބުން މިއަހަރު ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު 50 ޕަސެންޓް ދަށަށް ދާނެ ކަމަށް ސަރުކާރުން ވަނީ ލަފާކޮށްފައެވެ. އަދި ބެޑްނައިޓްސްވެސް 39 އިންސައްތައަށް ދަށްވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

ކޮވިޑް 19 އާ ގުޅިގެން ރާއްޖޭގެ އިގުތިސޯދަށް ކުރިމަތިވެފައިވާ މައްސަލަތަކާ ގުޅިގެން ސަރުކާރަށް އިތުރު ފައިސާ އެމްއެމްއޭއިން ނެގުމުގެ ހުއްދައަކަށް އެދިވަޑައިގެން ފިނޭންސް މިނިސްޓަރު ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފައެވެ.