އަލީ ޔާމިން
ކޮވިޑް 19އާ ގުޅިގެން މިހާރު އަންދާޒާކޮށްފައިވާ ތިންވަނަ ހާލަތުގައި ރާއްޖެއަށް މިއަހަރު އަންނާނެ ކަމަށް ބެލެވެނީ އިތުރު އަށް ލައްކަ ޓޫރިސްޓުން ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު(އެންއީއޯސީ)ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަމީރު ވިދާޅުވީ، ހަ ސިނާރިއޯއެއްގައި ރާއްޖޭގެ އިގުތިސާދަށް ކުރާނެ އަސަރު ފިނޭންސުން އެކުލަވާލާފައިވާ ކަމަށެވެ. އެގޮތުން އެ ސިނާރިއޯއަށް ތައްޔާރުކޮށްފައިވަނީ އިކޮނޮމިކް މިނިސްޓްރީއާއި، އެމްއެމްއޭއާއި، އައިއެމްއެފްއާއި ވޯކްޑް ބޭންކްގެ ލަފާގެ މަތިން ކަމަށެވެ.
މިނިސްޓަރު އަމީރު ވިދާޅުވީ، ސިނާރިއޯ ތިނެއްގައި ގައުމީ އުފެއްދުންތެރިކަން 11.5 އިންސައްތަ ދަށްވާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ. އަދި އެ ހާލަތުގައި ރާއްޖެއަށް އަންނާނީ އަށް ލައްކަ ފަތުރުވެރިން ކަމުގައި މިނިސްޓަރު އަމީރު ވިދާޅުވިއެވެ.
“ސިނާރިއޯގައި މި ލަފާކުރަނީ ގައުމީ އުފެއްދުންތެރިކަން 11.5 އިންސައްތަ ދަށްވާނެ ކަމަށް. އަދި މިއަހަރު ރާއްޖެއަށް މިހާތަނަށް 308،881 ޓޫރިސްޓުން އައިސްފައި މިވަނީ. އަޅުގަނޑުމެން މި އަންދާޒާކުރަނީ ގާތްގަނޑަކަށް ސިނާރިއޯ ތިނެއްގައި ޓޯޓަލްކޮށް އަންނާނެ ކަމަށް 845،546 ޓޫރިސްޓުން. އެއީ މިދިޔަ އަހަރާ އަޅާ ބަލާއިރު ގާތްގަނޑަކަށް 50 ފަސަންޓް ދަށްވުމެއް." މިނިސްޓަރު އަމީރު ވިދާޅުވިއެވެ.
މިނިސްޓަރު އަމީރު ވިދާޅުވީ، ކޮވިޑާ ގުޅިގެން އެންމެ ބޮޑު ހީނަރުކަމެއް އައިސްފައިވަނީ ފަތުރުވެރިކަމުގެ ސިނާއަތަށް ކަމަށެވެ. ނަމަވެސް މިހާރުގެ އަންދާޒާތަކަކީ ޖުލައި މަހުގެ ތެރޭގައި ރާއްޖެއަށް ކޮންމެވެސް ވަރަކަށް ފަތުރުވެރިން ގެނައުން ކަމުގައި މިނިސްޓަރު އަމީރު ވިދާޅުވިއެވެ.