އިގްތިސޯދު ހަމަޔަކަށް އެޅުވުމަށް ފިޔަވަޅުއަޅަން ފަސްޖެހުމަކީ އިގުތިސޯދަށް ދެވޭ ބޮޑު ގެއްލުން ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިއަދު ބޭއްވި ނޫސްވެެރިންގެ ބައްދަލުވުމުގައި، މިނިސްޓަރު އަމީރު ވިދާޅުވީ، ކޮވިޑް 19ގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް ބޮޑު ލޮޅުމެއް އައިސްފައިވާ ކަމަށާއި، އެގޮތުން ރާއްޖޭގެ އިގްތިސާދު މިހާރު އޮތީ ވެންޓިލޭޓަރުގެ އެހީ ބޭނުންވެފައި ކަމަށެވެ.
މީގެ އިތުރުން އިގްތިސާދުގެ މުހިންމު ބަހާތައް ދެމެހެއްޓުމަށް މުހިންމު ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށާއި އެކަމަށް ފަސް ޖެހިއްޖެނަމަ އެއީ އިގުތިސޯދަށް ދެވޭ ބޮޑު ގެއްލުމަކަށްވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"އިގްތިސޯދުގެ މުހިންމު ބަހާތައް މީހުން ރައުސުމާލު އަދި އެސެޓް ދެމެހެއްޓުމަށް އަޅުގަނޑުމެން ފިޔަވަޅުތަކެއް އަޅަން އެބަޖެހޭ. އަދި މި ފިޔަވަޅުތައް އަޅަން ފަސް ޖެހުމަކީ އިގްތިސޯދީ މުސްތަގުބަލަށް އަޅުގަނޑުމެންނަށް ދެވޭނެ ގެއްލުމެއް" މިނިސްޓަރު އަމީރު ވިދާޅުވިއެވެ.
ސަރުކާރުން އަންނަނީ ކޮވިޑުގެ ސަބަބުން ރާއްޖޭގެ ކޭޝްފްލޯއަށް އައިސްފައިވާ ހީނަރުކަމުން އަރައިގަތުމަށް ބޭރުގެ ހިލޭ އެހީއާއި ލޯނު އެހީގެ އިތުރުން އެތެރޭގެ ފައިނޭންސިންވެސް ހޯދުމަށް މަސައްކަތް ކުރަމުންނެވެ.