އަލީ ޔާމިން
ކޮވިޑް 19އާ ގުޅިގެން ހާލަތަށް ބަލާއިރު އިގްތިސޯދަށް ބޭސް ވެސް ވެންޓިލޭޓަރު ވެސް ބޭނުންވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީގައި) މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަމީރު ވިދާޅުވީ، ކޮވިޑް 19ގެ ސަބަބުން ރާއްޖޭގެ އިގުތިސާދަށް ކުރަމުން އަންނަ އަސަރު ކުޑަކުރުމަށް ދައުލަތުން ހަރުދަނާ ފިޔަވަޅުތަކެއް ނާޅައިފިނަމަ އިގުތިސާދީ ރިސެޝަން ވަރަށް ބޮޑުވާނެ ކަމަށެވެ. ނަމަވެސް ބޭރުގެ އެެހީއާއި، ރިލީފް ޕެކޭޖުތަކާއެކު ރިސެޝަންގެ ގުދު ސީދާކުރެވިދާނެ ކަމަށެވެ.
މިނިސްޓަރު އަމީރު ވިދާޅުވީ، މިހާރު މިއޮތީ އިގުތިސާދީ އާންމު ހާލަތެއް ނޫން ކަމަށާއި، އިގުތިސާދު މިވަގުތު ވަނީ ވެންޓިލޭޓަރުގެ އެހީ ބޭނުންވެފައި ކަމަށެވެ.
"ކޮވިޑް 19ގެ ސަބަބުން އަޅުގަނޑުމެން އިގުތިސާދަށް މިވަނީ ބޮޑެތި ލޮޅުންތަކެއް އައިސްފައި، އިގުތިސާދަށް މިވަނީ ވެންޓިލޭޓަރުގެ އެހީ ބޭނުންވެފައި. މިއީ އަޅުގަނޑުމެންގެ އާންމު ހާލަތެއް ނޫން. މިހާލަތުގައި އަޅުގަނޑުމެންގެ އިގުތިސާދަށް ބޭނުންވާ ބޭސް އަޅުގަނޑުމެން އެބަ ދޭން ޖެހޭ. ކޮންމެ ބޭހެއްގައިވެސް ސައިޑް އެފެކްޓްތަކެއް ހުންނާނެ. ނަމަވެސް ސައިޑް އެފެކްޓްތަކާހުރެ ބޭސް ބޭނުން ނުކުރާނަމަ ލިބޭ ގެއްލުން މާ ބޮޑުވާނެ،" މިނިސްޓަރު އަމީރު ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރު އަމީރު ވިދާޅުވީ، އިގުތިސާދަށް ކިތަންމެ ބޮޑު ލޮޅުމެއް އައިސްފައިވިނަމަވެސް އިގުތިސާދުގެ ބަހާތައް ކަމުގައިވާ މީހުންނާއި، ރައުސްމާލު ހިފަހައްޓަން މުހިންމު ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމުގައެވެ.
ކޮވިޑާ ގުޅިގެން ރާއްޖޭގެ އިގުތިސާދަށް އައިސްފައިވާ ހީނަރުކަމުން އަރައިގަތުމަށް ބޭރުގެ ހިލޭ އެހީއާއި ލޯނު އެހީ ހޯދުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ. އަދި ޓީބިލް ވިއްކައިގެން އާމްދަނީ ހޯދުމަށްވެސް އަންނަނީ މަސައްކަތް ކުރެވެމުންނެވެ.