އަލީ ޔާމިން
ޕަބްލިކް އެކައުންޓް އޯވަޑްރާފްޓް ކުރުމަކީ ފައިސާޖެހުމެއް ނޫން ކަމަށާއި އަދި އެއީ ބްލޭންކު ޗެކެއް ދިނުމެއްވެސް ނޫން ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، މިނިސްޓަރު އަމީރު ވިދާޅުވީ، ކޮވިޑް 19ގެ ސަބަބުން ދައުލަތުގެ ކޭޝް ފްލޯއަށް ކޮށްފައިވާ އަސަރު ކުޑަކޮށް، ކޭޝް ފްލޯ ހަމައަކަށް އެޅުވުމަށް ދައުލަތުން ކުރަން ރާވާފައިވާ ކަންތައްތަކުގެ ތެރޭގައި ޕަބްލިކް އެކައުންޓް އޯވަޑްރާފްޓް ކުރެވޭ ލިމިޓް އިތުރުކުރުން ހިމެނޭ ކަމަށެވެ.
ދައުލަތުގެ ހަރަދަށް ޒިންމާވާ ގާނޫނުގެ ދަށުން ޕަބްލިކް އެކައުންޓް އޯވަޑްރާފްޓް ކުރެވޭނީ ތިން އަހަރުގެ އެވްރެޖު އާމްދަނީގެ އެއް އިންސައްތައާ ހަމައަށެވެ. އެއީ ގާތްގަނޑަށް 220 މިލިއަން ރުފިޔާއެވެ. ނަމަވެސް މިހާރު މި ދިމާވެފައިވާ ހާލަތާއެކު ޕަބްލިކް އެކައުންޓް އޯވަޑްރާފްޓް ކުރެވޭ ލިމިޓް އިތުރުކުރުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމުގައި މިނިސްޓަރު އަމީރު ފާހަގަކުރެއްވިއެވެ.
"ދައުލަތުގެ ކޭޝް ފްލޯ ހަމަޖެއްސުމަށް އަޅަން ހުށަހަޅާފައިވާ އެއް ފިޔަވަޅަކީ އަޅުގަނޑުމެން ޕަބްލިކް އެކައުންޓް އޯވަޑްރާފްޓް ކުރެވޭ ލިމިޓް އިތުރުކުރުން. ހަރަދަށް ޒިންމާ ގާނޫނުގެ ދަށުން ޕަބްލިކް އެކައުންޓް އޯވަޑްރާފްޓް ކުރެވޭނީ ތިން އަހަރުގެ އެވްރެޖު އާމްދަނީގެ އެއް އިންސައްތައާ ހަމައަށް. މީ ގާތްގަނޑަކަށް 220 މިލިއަން ރުފިޔާ. ނަމަވެސް މިހާރު ދައުލަތުގެ އާމްދަނީއަށާއި، ބަޖެޓު ފައިނޭންސް ކުރުމަށް ދިމާވެފައިވާ ދަތި ހާލުގެ ސަބަބުން މި ލިމިޓު އިތުރުކުރުމަކީ ދައުލަތުގެ ހަރަދުތައް އަދާކުރުމަށް ކޮންމެހެން މުހިންމު ކަމެއް،" މިނިސްޓަރު އަމީރު ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރު އަމީރު ވިދާޅުވީ، ޕަބްލިކް އެކައުންޓް އޯވާޑްރާފްޓް ކުރުމަށްޓަކައި ހުށަހަޅާފައިވީނަމަވެސް މިހާރުވެސް 220 މިލިއަން ރުފިޔާ އޯވާޑްރާފް ކުރެވޭނެ ކަމަށާއި އެއީ އެއްވެސް ވަރަކަށް ފައިސާ ޗާޕުކުރުން ނޫން ކަމަށެވެ.
"ޕަބްލިކް އެކައުންޓް އޯވާޑްރާފްޓް ކުރުމަށްޓަކައި އަޅުގަނޑުމެން ހުށަހަޅާފަ ވިޔަސް މީގަ އަޅުގަނޑުމެން މިހާރުވެސް ކުރިން ފާހަގަކުރިހެން 220 މިލިއަން ރުފިޔާ އޯވާޑްރޯ ކުރެވޭ. މިއީ އެއްވެސް ގޮތަކަށް ޗާޕު ޖެހުމެއް ނޫން. އަދި މިއީ އެއްވެސް ވަރަކަށް އަޅުގަނޑުމެންނަށް ބްލޭންކް ޗެކެއް ދިނުމެއްވެސް ނޫން،" ފިނޭންސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އަމީރު ވިދާޅުވީ ދައުލަތުގެ ހަރަދުތައް ކުޑަކުރަނީ މަޖިލީހުން މިއަހަރަށް ފާސްކޮށްފައިވާ ބަޖެޓުގެ ތެރެއިން ކަމަށެވެ. އެގޮތުން ކޮވިޑްގެ ސަބަބުން ބަޖެޓުގައި ހިމަނާފައިވާ ގިނަ މަޝްރޫއުތައް މިހާރު ކުރިއަށް ނުގެންދެވޭނެ ކަމަށް ވިދާޅުވިއެވެ.
މަޖިލީހުން މިއަހަރަށް ފާސްކޮށްފައިވަނީ 37 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މިނިސްޓަރު ވަނީ މިހާލަތާ ގުޅިގެން ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހަޅަން ޖެހިއްޖެނަމަ އެކަންވެސް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.