ކުއްލި ޚަބަރު

300 މިލިއަން ޑޮލަރުގެ ބޮންޑެއް މިއަހަރު ވިއްކަން މަސައްކަތް ކުރަނީ

އަލީ ޔާމިން

ކޮވިޑް 19އާ ގުޅިގެން އިގްތިސާދަށް ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް 300 މިލިއަން ޑޮލަރުގެ ބޮންޑެއް މިއަހަރު ވިއްކަން މަސައްކަތް ކުރަމުން އަންނަ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަމީރު ވިދާޅުވީ، ކޮވިޑް 19ގެ ސަބަބުން އިގުތިސާދަށް ކުރިމަތިވެފައިވާ ހީނަރުކަމުން އަރައިގަތުމަށް ބޭރުގެ ހިލޭ އެހީއާއި ލޯނު އެހީ ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"ވޯލްޑް ބޭންކުން 30.10 މިލިއަން ޑޮލަރުގެ ފައިނޭންސިން ހޯދަން އެބަ މަސައްކަތް ކުރަން. އޭގެ ތެރެއިން ދިހަ މިލިއަން ޑޮލަރު މިހާރު ލިބިފައި މިވަނީ. އެއީ ހިލޭ އެހީގެ ގޮތުގައި 50 ފަސަންޓް އަދި ކޮންސެޝަން ލޯނުގެ ގޮތުގައި 50 ޕަސަންޓް. އޭޝިއަން ޑިވެލޮޕްމެންޓް ބޭންކުންވެސް އަޅުގަނޑުމެން މަސައްކަތްތަކެއް އެބަކުރަން 27.6 މިލިއަން ޑޮލަރު ހޯދުމަށް އެއީ، ހިލޭ އެހީގެ ގޮތުގައި 51 ޕަސަންޓް އަދި ލޯނުގެ ގޮތުގައި 49 ޕަސަންޓް." މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުންވެސް އޭއޭއައިބީ އާއި، އައިއެމްއެފް ފަދަ މާލީ އިދާރާތަކުން ހިލޭ އެހީ އާއި ލޯނު އެހީ ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެގޮތުން ޖުމްލަ 233.39 މިލިއަން ޑޮލަރު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އަމީރު ވިދާޅުވީ ބޭރުގެ ލޯނުތައް ހޯދުމަށް ބަޖެޓުގައި ހިމަނާފައިވާ 300 މިލިއަން ޑޮލަރުގެ ބޮންޑެއް ވިއްކަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ބޭރުގެ ލޯނު އެހީ ހޯދުމަށްޓަކައި އަޅުގަނޑުމެންގެ ބަޖެޓުގައި ހިމަނާފައިވާ 300 މިލިއަން ޑޮލަރުގެ ބޮންޑެއް އިޝޫކުރުމުގެ މަސައްކަތްތައް މިހާރު މިދަނީ ކުރަމުން. އަދި ދޭދޭ ގައުމުތަކުގެ އެހީ ހޯދުމަށްވެސް ފޮރިން މިނިސްޓްރީއާ ގުޅިގެން އަޅުގަނޑުމެން މިދަނީ ކުރަމުން. އިރާދަކުރެއްވިއްޔާ މި 300 މިލިއަން ޑޮލަރުގެ ބޮންޑު މިއަހަރުގެ ތެރޭގައި އިޝޫ ކުރެވޭނެ ކަމަށް އަޅުގަނޑުމެން މި ބަލަނީ" މިނިސްޓްރު އަމީރު ވިދާޅުވިއެވެ.

ކޮވިޑް 19އާ ގުޅިގެން ގައުމީ އުދެއްދުންތެރިކަން ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ.