ފިނޭންސް މިނިސްޓްރީގެ ހުއްދަ ނެތި 35،000 އަށްވުރެ މަތީ އެއްވެސް ހަރަދެއް ކުރުން މަނާކޮށްފިއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު(އެންއީއޯސީ)ގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަމީރު ވިދާޅުވީ، ކޮވިޑް 19ގެ ސަބަބުން ދައުލަތުގެ އާމްދަނީއަށް އައި ބޮޑު ހީނަރުކަމާއެކު ދައުލަތުގެ ކޭޝް ފްލޯއަށްވެސް ބޮޑު ޝޮކެއް ލިބިފައިވާ ކަމަށެވެ.
ކޭޝް ފްލޯ މެނޭޖުކުރުމަށް އެކި ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށާއި، އެގޮތުން އަޅާފައިވާ އެންމެ މުހިންމު ފިޔަވަޅަކީ ދައުލަތުގެ ހަރަދުތައް ކުޑަކުރުން ކަމުގައި މިނިސްޓަރު އަމީރު ވިދާޅުވިއެވެ. އެގޮތުން ދައުލަތުގެ ބައެއް ލެވެލްތަކުގެ މުވައްޒަފުންގެ މުސާރަތައް ކުޑަކުރުމާއި، އާ މުވައްޒަފުން ނުނެގުމާއި ދަތުރުފަތުރުތައް މަޑުޖައްސާލުމާއި މަރާމާތުތައް މަޑު ޖައްސާލުމާއި ހަރުމުދާ ހޯދުން މަޑުޖައްސާލުމާއި އާ މަޝްރޫއުތައް ހަވާލުކުރުން ވެސް މަޑު ޖައްސާލުން ހިމެނޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި 35،000 އަށް ވުރެ ބޮޑު ކޮންމެ ހަރަދެއް ސަރުކާރުގެ އެއްވެސް ވުޒާރާއަކުން ކުރަން ވާނީ ފިނޭންސް މިނިސްޓްރީން ހުއްދަ ހޯދައިގެން ކަމަށް ވިދާޅުވިއެވެ.
"35،000 ރުފިޔާއަށް ވުރެ ބޮޑު ކޮންމެ ހަރަދެއް ދައުލަތުގެ އެއްވެސް ވުޒާރާއަކުން ކުރަންޖެހޭނީ މިހާރު ފިނޭންސް މިނިސްޓްރީގެ ހުއްދަ ހޯދައިގެން" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އަމީރު ވިދާޅުވީ، މިހާލަތުގައި ކުރިއަށް އޮތް ތިން މަހަށް ދައުލަތުގެ ހިދުމަތްތައް ދަމަހައްޓަކައި ސިއްހީ ހިދުމަތް ދިނުމަށް ބޭނުންވާ ހޭދަތައް ކޮށް އިގްތިސޯދީ ގޮތުން އާއިލާތަކަށް ބޭނުންވާ އަސާސީ ކަންކަން ކަށަވަރުކުރުމަށް އެންމެ މަދުވެގެން 4.2 ބިލިއަން ރުފިޔާ ބޭނުންވާ ކަމަށެވެ.
ދައުލަތުގެ ކޭޝް ފްލޯ ހަމަޖެއްސުމަށް ބޭރުގެ ހިލޭ އެހީ ހޯދުމަށް ފިނޭންސް މިނިސްޓްރީއާއި ފޮރިން މިނިސްޓްރީ ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށްވެސް މިނިސްޓަރު އަމީރު ވިދާޅުވިއެވެ.